ޚަބަރު

ކޯލިޝަން ސަރުކާރެއް ނުހިންގޭނެ ކަމަށް ނަޝީދު އެއްބަސްވެއްޖެ


ކޯލިޝަން ސަރުކާރު ދެމިއޮންނާނެކަމަށް ބުނެ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ދެއްކި ވާހަކަތަކަކީ ނުވާނެކަމެއް ކަމަށް ބުނެ ކުރީގެ ރައީސް ނަޝީދު އެކަމަށް ރައްދު ދީފިއެވެ.

އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހު ރ.އަތޮޅު ހުޅުދުއްފާރުގައި ވާހަކަދައްކަމުން ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ހުރިހާ ޕާޓީތަކެއް ހިމަނައިގެން ކޯލިޝަންގެ ވެރިކަމެއް ކުރާނެކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި އެއްވެސް ޕާޓީއެއް ބާކީކޮށް ނުލާނެކަމަށް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރު ދެމި އޮންނާނެކަމަށް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވިނަމަވެސް، ލަންކާގައި އުޅޭ ދިވެހީންގެ ބަޔަކާ އެކު ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ ކޯލިޝަން ސަރުކާރެއް ނުހިންގޭނެކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ޤާނޫނުއަސާސީގެ ތެރެއިން ކޯލިޝަން ސަރުކާރަކީ ބަލައިގަންނަކަމެއް ނޫންކަމަށްވެސް ނަޝީދު ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ ރަހުމަތްތެރިކަމާއި ލޯތްބާ، އިޚްތިރާމަކުން ކޯލިޝަނެއް ނުދެމެނޭ.. ކޯލިޝަނެއް، އިއްތިޙާދެއް ހިފެހެއްޓޭނީ ޤާނޫނީ އޮނިގަނޑެއްގެ ތެރެއަށް އިއްތިޙާދު ގެނެވިގެން، ޤާނޫނީ ތަރަހައެއްގެ ތެރެއަށް ކޯލިޝަން ގެނެވިގެން" ލަންކާގައި އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަމުން ނަޝީދު ބުންޏެވެ.

ކޯލިޝަން ސަރުކާރު ދެމި އޮންނާނެކަމަށް އިބްރާހިމް މުހައްމަދު ސާލިޙު ދެއްކެވި ވާހަކަތަކާ ދެކޮޅަށް ނަޝީދު ވާހަކަދެއްކެވި ސަބަބެއް ނޭނގެއެވެ. ބައެއް ފަރާތްތަކުން ބުނަނީ މިކަމުން ދޭހަކޮށްދެނީ ނަޝީދާއި އިބްރާހިމް މުހައްމަދު ސާލިޙުގެ ގުޅުން ގޯސްވެފައިވާ މިންވަރުކަމަށެވެ. ނޫނީ އިބްރާހިމް މުހައްމަދު ސާލިހުއަށް ޖެއްސުންކުރުމުގެ ގޮތުން ނަޝީދު ކުރާ ކަމެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ކޯލިޝަން ސަރުކާރެއް ހިންގޭނެތޯ ނުވަތަ ނޫންތޯ ނޭނގިގެން އިދިކޮޅު ފަރާތްތަކުން އުޅެމުންދާއިރު، 2008 ވަނަ އަހަރު ޤާއިމްކުރި އެމްޑީޕީ ކޯލިޝަންގެ ވެރިކަންވެސް ވަނީ ވިއްސަކަށް ދުވަސްވެސް ނުވަނީސް ރޫޅިފައެވެ. އެމްޑީޕީ ވެރިކަމަށް ގެންނަން މަސައްކަތްކުރި އެންމެންވެސް ސަރުކާރުން ބޭރުކޮށްލުމުން، އޭރު އެފަރާތްތަކުން ބުނެފައިވަނީ ދުވަހަކުވެސް އެމްޑީޕީއާއެކު މަސައްކަތްނުކުރާނެކަމަށެވެ.