ޚަބަރު

ދައުލަތުން ބަލަހައްޓަމުންދާ ކުދިންނާއެކު ޖެންޑަރ މިނިސްޓަރ ޢީދު ފާހަގަކުރައްވައިފި


ދައުލަތުން ބަލަހައްޓަމުންދާ ކުޑަ ކުދިންނާއެކު އަޟްޙާ ޢީދުގެ ހަރަކާތްތަކުގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ.

އެގޮތުން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ތިބޭ ކުދިންނާއެކު މިނިސްޓަރ ޒެނީޝާ ވަނީ އިއްޔެ ރަސްރަނި ބަގީޗާއަށް ޒިޔާރަތްކުރައްވާ، އެކުދިންނާއެކު ތަފާތު ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ވިންޓަރ ތީމް ޕާކަށް އެ ކުދިންނާއެކު ޒިޔާރަތްކުރައްވައި، ރަސްރަނި ބަގީޗާގައި ކުރިއަށްދިޔަ ތަފާތު ކުޅިވަރު ހަރަކާތްތަކުގައި މިނިސްޓަރ ވަނީ ބައިވެރިވެވަޑައިގެން އެކުދިންނާއެކު ވަގުތު ހޭދަކުރައްވާފައެވެ.

މީގެއިތުރުން، ކުޑަކުދިންގެ ޙައްގުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއްކަމަށްވާ، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން، އާކްއާއި ބީޗް ކްލަބް މޯލްޑިވްސްއާ ގުޅިގެން ވަނީ މި ކުދިންނަށް ވޯޓަރ ސްޕޯޓްސް ކުޅިވަރުގެ ޙަރަކާތްތަކެއްވެސް ހިންގާފައެވެ. އަދި އެމް.އެން.ޑީ.އެފްގެ ކޯސްޓް ގާޑްގެ ޝިޕް ޣާޒީ ބަލައިލުމުގެ ފުރުޞަތުވެސް އެ ކުދިންނަށް ދީފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ތަފާތު ސަބަބުތަކާ ގުޅިގެން ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި މި ވަގުތު 140 ކުދިން ބަލަހައްޓަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެގޮތުން، ފިޔަވަތި މަރުކަޒުގައި 13 އަހަރުން ދަށުގެ 89 ކުދިން ބަލަހައްޓަމުންދާއިރު، ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާގައި 13 އަހަރާއި 18 އަހަރާ ދެމެދުގެ 51 ކުދިން ބަލަހައްޓަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއެވެ.