އީޔޫން ރާއްޖޭގެ ބަޔަކާމެދު ފިޔަވަޅު އަޅާ ލިސްޓެއް އެކުލަވާލިކަމަށްބުނެ ފެތުރި ދޮގު ވާހަކަތަކާ ގުޅިގެން އިންތިޚާބަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ޔޫރަޕްގެ އިއްތިހާދުން ބުނެފިއެވެ.
ރާއްޖޭގެ ވަކިވަކި ފަރުދުންތަކަކާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް 41 މީހުންގެ ލިސްޓެއް އެކުލަވާލާފައިވާކަމަށްބުނެ ފެތުރުނު ދޮގު ވާހަކަތަކާ ގުޅިގެން ޔޫރަޕްގެ އިއްތިހާދުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއިއްތިހާދުން މިއަހަރުގެ ޖުލައިމަހު ރާއްޖެއާ ގުޅޭގޮތުން ނިންމި ނިންމު ހަމަ އެގޮތުގައި ދެމިއޮތް ކަމަށެވެ. އަދި އެއިއްތިހާދުގެ ޕާލިމެންޓް މެމްބަރުންތަކާއި، އިއްތިހާދުގެ އިސްވެރިންތަކެއް ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ޒިޔާރަތްކުރީ އަމިއްލާ ޙައިޞިއްޔަތުން ކަމަށެވެ.
މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޭއްވި ޔޫރަޕްގެ އިއްތިހާދުގެ ކައުންސިލް ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާމެދު ފިޔަވަޅު އެޅުމަށް ނިންމާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނިކޮށް ޔޫރަޕްގެ އިއްތިހާދުން އެފަދަ ނިންމުމެއް ނިންމާފައިނުވާއިރު، ފިޔަވަޅު އަޅާމީހުންގެ ލިސްޓެއްވެސް އެކައުންސިލުން އެކުލަވާލާފައެއް ނުވެއެވެ.
ޔޫރަޕްގެ އިއްތިހާދުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބާ ދިމާކޮށް ރާއްޖޭގެ ސިޔާސީ މަޝްރަޙް ވަރަށް ގާތުން މޮނިޓަރ ކުރަމުންދާކަމަށެވެ. އަދި މިނިވަން އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމަށްޓަކައި، އިންތިޚާބުގެ ތައްޔާރީތައްވެސް ދެފުށްފެންނަ ގޮތަށް ކުރިއަށްގެންދަންޖެހޭކަމަށް އެ އިއްތިހާދުގެ ބަޔާނުގައި ވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ތައްޔާރީތައް ވަމުން ގެންދަނީ ސިޔާސީ ޕާޓީތަކާ މައުލޫމާތު ޙިއްޞާކޮށް ވީހާވެސް ދެފުށްފެންނަގޮތަށް ކަމަށެވެ.