ޚަބަރު

ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން އުޅުނު ހާޑިންގހަމް އެމްޑީޕީގެ ކެމްޕެއިންގައި ބައިވެރިވާން ފަށައިފި


ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން މަސައްކަތްކޮށްފައިވާތީ، ކުރީގެ ރައީސް މަޢުމޫނުގެ ވެރިކަމުގައި ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލާފައިވާ އިނގިރޭސިވިލާތުގެ ޑޭވިޑް ހާޑިންހަމް އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވާން ފަށައިފިއެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުގައި ހާޑިންހަމް ބައިވެރިވެފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެ ފޮޓޯ ޝެއަރކޮށް ގިނަބަޔަކު ދަނީ ހާޑިންހަމަށް ފާޑުކިއުން އަމާޒުކުރަމުންނެވެ. އެގޮތުން ބައެއް މީހުން ބުނެފައިވަނީ އިދިކޮޅު މީހުން ލާދީނީ ބައެއްގެ ގޮތުގައި ސިފަ ކުރެވެނީ އެމީހުންގެ ކަންކަމުގައި އިސްލާމްދީނުގެ ޢަދުއްވުން ބޭނުން ކުރާތީ ކަމަށާއި، ކްރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރުމުގެ ސަބަބުން ޑީޕޯޓްކޮށްލި މީހަކު އެމީހުންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިކުރާހާ ހިނދަކު އެއީ ލާދީނީ ބައެއްގެ ގޮތުގައި ޤަބޫލުކުރުމުގެ ފުރުޞަތު އެބައޮތްކަމަށް ބުނެފައެވެ.

އިދިކޮޅު ފަރާތްތަކުން ބޭނުން ކުރަމުން އަންނަ "ޖަޒީރާ ރާއްޖެ" ކެމްޕެއިން ޓީޝާޓެއްލައިގެންހުރެ ބައެއް ދިވެހިންނާއެކު ނަގާފައިވާ ފޮޓޯއަކާއެކު ހާޑިންހަމް ކުރި ޓްވީޓެއްގައި އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ތާއީދުކޮށް ވާހަކަދައްކާފައިވެއެވެ.

ޑޭވިޑް ހާޑިންގހަމްގެ ޓްވީޓް

ހާޑިންހަމް އަކީ "ފްރެންޑް އޮފް މޯލްޑިވްސް" ގެ ނަމުގައި އިނގިރޭސިވިލާތުގައި ޖަމިއްޔާއެއް ހަދައިގެން މަސައްކަތް ކުރާ އެކްޓިވިސްޓެކެވެ. ކުރީގެ ރައީސް ނަޝީދާ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ހާޑިންހަމަށް ވަނީ ނަޝީދުގެ ވެރިކަމުގައި ސޯލްސްބަރީގައި ހުންނަ ރާއްޖޭގެ އޮނަރަރީ ކައުންސެލްގެ މަގާމުވެސް އަދާކޮށްފައެވެ.

ޑޭވިޑް ހާރޑިންގހަމްއަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި 2005 ވަނަ އަހަރު ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރުމުގެ ތުހުމަތުގައާއި، އިސްލާމްދީނުގެ ހަރުކަށި ވިސްނުމުގެ މީހުން ބޭނުންކޮށްގެން ރާއްޖެއަށް ހަތިޔާރު އެތެރެކުރަން މަސައްކަތް ކުރުމުގެ ކުށުގައި ޑީޕޯޓްކޮށްލާފައިވާ މީހެކެވެ.

ކްރިސްޓިއަން ދީން ފަތުރާކަމަށް ހާޑިންހަމްގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް އޭނާ ވާހަކަދައްކާފައިނުވާއިރު، ހާޑިންހަމް އުފައްދާފައިވާ ފްރެންޑްސް އޮފް މޯލްޑިވްސް ޖަމިއްޔާ އިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ވެސް އެތައް މަސައްކަތްތަކެއް ކޮށްފައެވެ. އޭނާ މިހާރުވެސް ގެންދަނީ ރާއްޖޭގެ އަގުވެއްޓޭ ޒާތުގެ ދޮގު ޚަބަރުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފަތުރަމުންނެވެ.