ޚަބަރު

ކެމްޕެއިން ޙަރަކާތްތަކަށް ފުލުހުން ހުރަސްއަޅަމުންދާކަމަށްބުނެ ފަތުރަމުންދާ ވާހަކަތަައް ފުލުހުން ދޮގުކޮށްފި


ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން ޤާނޫނީ އިމުގެ ތެރެއިން ހިންގާ އެއްވެސް ޙަރަކާތަކަށް ހުރަސްއަޅާފައި ނުވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ސިޔާސީ ޕާޓީތަކުން މާލެއާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ހިންގާ ހަރަކާތްތަކަށް ފުލުހުން ހުރަސްއަޅަމުންގެންދާކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނީ އިމުގެތެރެއިން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތައް ހަމަހަމަކަމާއެކު ކުރިއަށްގެންދިއުމަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށެވެ. އަދި ކެމްޕެއިންގެ ޙަރަކާތްތައް ކުރިއަށްގެންދެވޭނެފަދަ އަމާން މާހައުލެއް ޤާއިމްކޮށްދީ، ރިޔާސީ އިންތިޚާބުގެ ކަންކަން އަމާން އޮމާންކަމާއެކު ކުރިއަށްގެންދެވޭނެފަދަ މާހައުލެއް ޤާއިމްކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ފުލުހުން ކުރަމުންދާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން ބޭނުންކުރާ ދިދަ އާއި ޕޯސްޓަރު، ބެނަރ އަދި ދިދަފަތި ފަދަ ތަކެތި ބޭނުންކުރުމުގައި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނާއި ޤައުމީ ދިދަ ބޭނުން ކުރުމާ ގުޅޭގޮތުން އާންމުކޮށްފައިވާ އުސޫލަށް ޢަމަލުކުރުމަށްވެސް ފުލުހުން ވަނީ ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކޮށްފައެވެ. އަދި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން މިފަދަ ހަރަކާތްތައް ކުރިއަށްގެންދިޔުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.