ޚަބަރު

"އެމްޑީޕީ ވެރިކަމުގައި ޤަވާއިދާ ޚިލާފަށް ދޫކުރި 400 ރަށުގެ ހަޤީޤަތް އެޕާޓީގެ ކެނޑިޑޭޓް ކިޔާދޭންޖެހޭ"


އެމްޑީޕީގެ ވެރިކަމުގައި ޤާނޫނާ ޤަވާއިދާ ޚިލާފަށް ދޫކުރި 400 ރަށަށް ވީގޮތް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ކިޔައިދޭންޖެހޭކަމަށް ޕީޕީއެމްގެ ނާއިބުރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނޮޅިވަރަންފަރު ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބުރައީސް ޢަބްދުރަޙީމް ޢަބްދުﷲ ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ޤާނޫނާ ޤަވާއިދާ ޚިލާފަށް މިފަދަ އެތަށް މުޢާމަލާތްތަކެއްކޮށްފައިވާކަމަށެވެ. އެހެންކަމުން ޕީޕީއެމުން ޤަވާއިދާ ޚިލާފަށް ރަށްތައް ދޫކުރިކަމަށްބުނެ ތުހުމަތުކުރުމުގެ ބަދަލުގައި، އެމް.ޑީ.ޕީ ސަރުކާރުގައި ޤަވައިދާ ޚިލާފަށް ދޫކުރި 400 ރަށުގެ ޙަޤީޤަތް ކިޔައިދިނުމަށް ޢަބްދުއްރަޙީމް ގޮވާލެއްވިއެވެ.

ޢަބްދުއްރަޙީމް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންނާއި ރަނިންގމޭޓުންގެ ތަފާތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ އެއްކޮޅުގައި ހުންނެވީ ރާއްޖޭގެ ތަރައްޤީއަށް އިންޤިލާބީ ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވި ރައީސަކާއި، އަދި ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ދީނީ ޢިލްމުވެރިޔާކަމަށެވެ. އަދި އަނެއްކޮޅުގައި ހުރީ ރާއްޖެ ދުނިޔޭގައި ބަދުނާމުކުރަމުންދާ ސިޔާސީ ޕާޓީއެއްގެ ކެނޑިޑޭޓެއް ކަމަށެވެ.

"އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓް ވިދާޅުވިކަމަށްވަނީ، މި ސަރުކާރުން 160 ރަށް އެބައޮތޭ ޤަވައިދާ ޚިލާފަށް ދީފަ. މިހެންބުނާއިރު، އެމްޑީޕީގެ ސަރުކާރުގައިވަނީ ވީނުވީއެއް ނޭންގި 400 ރަށް ޤަވައިދާ، ޤާނޫނާ ޚިލާފަށް އަދި އެއްވެސް އުސޫލެއް ނެތި ދޫކޮށްފަ. އެ 400 އެށަށް ވީގޮތާމެދު އެމްޑީޕިއިން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ." - ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވަނީ ސިޔާސީ ޕާޓީތައް ރާއްޖޭގައި އުފެދެމުން އައި ދުވަސްވަރު، އުފެއްދި ހަމަނުޖެހުން އުފެއްދުމަށް މިހާރުގެ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން ތަންތަނުގައި ހުޅުޖެހުމާއި، އަމަންއަމާންކަން ނަގާލުމާއި، ބޭރު ޤައުމުތަކާ އެއްބައިވެގެން ރާއްޖެ ބަދުނާމުކުރުމަށް މަސައްކަތްކުރަމުންދާ މަންޒަރު އަނެއްކާވެސް ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.