ޚަބަރު

ދިވެހި 8 ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ނޭޕާލަށް


ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން ނޭޕާލްގައި ކިޔެވުމަށް ސްކޮލަޝިޕް ލިބިފައިވާ ދިވެހި 8 ޑޮކްޓަރަކަށް އެކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއީ ދިވެހި ޑޮކްޓަރުން ސްޕެޝަލިސްޓުން ގޮތުގައި ތަމްރީންކުރުމަށް ނޭޕާލްގެ ނެޝަނަލް އެކަޑެމީ އޮފް މެޑިކަލް ސައިންސަސް، ނެމްސްއާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިފައިވާ ސްކޮލަރޝިޕްތަކެއްކަމަށެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ނޭޕާލުން ސްކޮލަޝިޕް ލިބިފައިވާ ޑޮކްޓަރުންނާއި ބައްދަލުކުރައްވާ ލިޔުން ޙަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިސަރުކާރުގެ 4 އަހަރުގެ ތެރޭގައި ސިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ކުރި ހޭދަޔާއެކު، އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ބޮޑު އިސްކަމެއް ދީފައިވާކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ސިއްޙީ ދާއިރާ ފުޅާ ކުރުމަކީ ސަރުކާރުން އެންމެ ބޮޑު އަހަމިއްޔަތު ކަމެއްދޭ އެއް ކަންތައްކަން ފާހަގަކުރައްވާފައެވެ. އަދި މިދާއިރާގައި ގިނައީ ބިދޭސީން ކަމަށްވާތީ ސިއްޙީ ދާއިރާގައި ދިވެހިން އިތުރުކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިޑޮކްޓަރުން ސްޕެޝަލައިޒް ވާނީ އެނެސްތޭޒިޔާ، ރޭޑިއޮލޮޖީ، އިންޓާނަލް މެޑިސިން، ޖެނެރަލް ސާރޖަރީގެ އިތުރުން އޮބްސްޓްރެޓިކްސް، ގައިނެކޮލޮޖީ، ޕީޑިއަޓްރިކް އަދި އީއެންޓީ ދާއިރާއިންނެވެ. ހެލްތު މިނިސްޓްރީން ބުނީ 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް 45 ޑޮކްޓަރަކު ސްޕެޝަލައިޒް ވުމަށް ނޭޕާލަށް ފޮނުވާފައިވާކަމަށެވެ.