ޚަބަރު

ފިޔަވަޅު އަޅާ ލިސްޓެއް ނެތް، ޣައްދާރުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ނަޝީދުގެ ނަން - ޑރ. ޝައިނީ


ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނެތް ކަމަށާއި، އޮތީ ޤައުމަށް ޣައްދާރުވިމީހުންގެ ލިސްޓެއްކަމަށާއި އެލިސްޓުގެ އެންމެ ކުރީގައި އޮތީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ނަންކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޔޫރަޕިއަން ޔޫނިއަނުން ރާއްޖޭގެ 41 މީހަކާމެދު ފިޔަވަޅުއެޅުމަށް ލިސްޓެއް އެކުލަވާލާފައިވާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ އީޔޫއިން އެފަދަ ލިސްޓެއް އެކުލަވާލާފައި ނުވާކަމަށާއި، މިކަން ސްރީލަންކާގައި ހުންނަވާ ޔޫރަޕިއަން ޔޫނިއަންގެ ސަފީރަށް ގުޅުމުން ސާފުވާނެކަމަށެވެ. އަދި އީޔޫން ފިޔަވަޅު އަޅާނެ މީހުން ކަނޑައަޅަނީ ޔޫރަޕްގެ އިއްތިހާދުގެ ޕާލިމެންޓުން ނޫންކަމަށާއި، އެކަން ނިންމާނީ އެއިއްތިހާދުގެ ކައުންސިލުން ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ.

ޑރ. ޝައިނީ ވިދާޅުވީ އީޔޫން ފިޔަވަޅުއަޅާ މީހުންގެ ލިސްޓެއް ނެތްނަމަވެސް، ޤައުމަށް ޣައްދާރުވިމީހުންގެ ލިސްޓެއް އެމަނިކުފާނު އަތުގައި އެބައޮތްކަމަށާއި، މި ލިސްޓްގެ އެންމެ ކުރީގައި އޮތީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުކަމަށެވެ.

ޔޫރަޕްގެ އިއްތިހާދުން ރާއްޖޭގެ 41 މީހުންނަށް ފިޔަވަޅުއެޅުމަށް ލިސްޓެއް އެކުލަވާލާފައިވާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ފެތުރިވާހަކަތައް ޔޫރަޕްގެ އިއްތިހާދަށް ކަނޑައަޅާފައިހުންނަ ސަފީރު އަޙްމަދު ޝިޢާން ވަނީ ދޮގުކުރައްވާފައެވެ.