ޚަބަރު

ކުރިއަށްއޮތް ރިޔާސީ ދައުރުގައި ނޮޅިވަރަންފަރު މަގުތަކުގައި ތާރު އަޅާނަން - ރައީސް


ރިޔާސީ އިންތިޚާބުގެ ކުރިން ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި އެރަށުގެ މަގުތަކުގައި ތާރު އަޅައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެރަށުގައި ސަރުކާރުން ތަރައްޤީކުރި ބަނދަރު ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ނޮޅިވަރަންފަރު ތަރައްޤީއަށް ކުރީގެ ސަރުކާރުތަކުން ވަރަށްބޮޑަށް އިހުމާލުވެފައިވާކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން ނޮޅިވަރަންފަރުގެ ތަރައްޤީއަށް 30 މިލިއަން ރުފިޔާވެސް ހޭދަކޮށްފައި ނުވާއިރު، މިސަރުކާރުން ނޮޅިވަރަންފަރުގެ ތަރައްޤީއަށް 186 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދާ ނަރުދަމާގެ މަސައްކަތް ނިމޭއިރު އެ ޢަދަދު 230 މިލިއަނަށް އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ނުވަތަ މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫއުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކުރައްވައިފިނަމަ ނޮޅިވަރަންފަރުގެ ރައްޔިތުން ހިނގާނީ އެރަށުގެ ތާރުއެޅި މަގުތަކުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދަން އަޅުގަނޑަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ، އިރާދަކުރެއްވިއްޔާ ނޮޅިވަރަންފަރު ރައްޔިތުން ހިނގާނީ ތާރު އެޅި މަގުތަކުގައި. އަޅުގަނޑަށް އެހީވުމުގެ ފުރުޞަތު އޮތީ ތިބޭފުޅުންގެ އަތްމަތީގައި." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފިކުރުގެ ކައުންސިލަރުން ތިބޭ ރަށްރަށުގައި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ފުޓްސަލް ދަނޑުތައް ޤާއިމްކުރަން ޒުވާނުން އެދޭއިރު އެކަމަށް ހުރަސްއަޅަނީ އިދިކޮޅު ކައުންސިލަރުން ތިބޭ ރަށްރަށުންކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެފަދަ ރަށްރަށުގައި ތަރައްޤީގެ މަސައްކަތްތައް ކުރުމަށް ބިން ހޯދަން ދަތިތަކާ ކުރިމަތިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް އިދިކޮޅު ފަރާތްތަކުން ކިތައްމެ ބޮޑެތި ފިއްތުންތައް ކުރިމަތި ކުރިނަމަވެސް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށާއި، ސިޔާސީ ގޮތުން ފިކުރު ތަފާތުވިނަމަވެސް ރައްޔިތުން އެދޭ ތަރައްޤީ ޔަގީންކޮށްދިނުމުގައި އެއްމެން އެކަތިގަނޑަކަށްވެ އެއްގަލަކަށް އަރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ތަރައްޤީގެ މަޝްރޫއުތައް ހިންގުމުގައި އަޅުގަނޑު މީ ގޯޅި އަޅައިގެން ކަންކަންމަތިން ބަަލަން ހުންނާނެ މީހެއް ނޫން. އަޅުގަނޑުގެ މަޝްރޫޢުތަކާއެކީ އަޅުގަނޑު ދާނީ ކުރިއަށް، އެއްގޮތަކަށްވެސް މި މަޝްރޫއުތައް ހުއްޓުވަން ދައްކަވާ ވާހަކައަކީ އަޅުގަނޑު އިޖާބަދޭނެ ކަމެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 1500 އަށްވުރެ އާބާދީ ބޮޑު ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް މެޝިންތައް ބަހައްޓަވާނެކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ޔާމީން ތަކުރާރު ކުރެއްވިއެވެ.