ޚަބަރު

ރައީސް ޔާމިީން ނޮޅިވަރަންފަރު ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހދ. ނޮޅިވަރަންފަރުގައި ސަރުކާރުން ތަރައްޤީކުރި ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރު ބަނދަރު ހުޅުއްވައިދެއްވީ ސަރުކާރުން އެކި ރަށްރަށުގައި ކުރިއަށްގެންދިޔަ ތަރައްޤީގެ މަޝްރޫޢުތަކުގެ ކާމިޔާބީ ފާހަގަކުރުމަށް އެމަނިކުފާނު އެކި ރަށްރަށަށް ކުރަމުންގެންދާ ދަތުރުފުޅުތަކުގެތެރެއިން މިއަދު ހދ. ނޮޅިވަރަންފަރަށް ވަޑައިގެންނެވެ. މިއަދު އެމަނިކުފާނު ނޮޅިވަރަންފަރަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެގޮތުން އެރަށު ކުދިބޮޑު ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވާފައިވެއެވެ.

މީގެކުރިން ލަފާފުރުމަށް ފާލަމެއް ބޭނުންކުރަމުންއައި ނޮޅިވަރަންފަރުގައި އަލަށް ތަރައްޤިކުރި ބަނދަރަކީ 750 ފޫޓު ދިގު، 250 ފޫޓު ފުޅާ ބަނދަރެކެވެ. ބަނދަރުގައި 350 މީޓަރުގެ ބޭރު ތޮށި ލާފައިވާއިރު، 83 މީޓަރުގެ ރިވެޓްމަންޓެއް ޖަހާފައިވެއެވެ. ނޮޅިވަރަންފަރު ބަނދަރަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ބަނދަރެކެވެ. އެގޮތުން މިބަދަރުގައި ލައިޓްޖެހުމާއި، ޕޭވްމަންޓާއި، އަދި މަސްކެނޑުމަށް ޚާއްސަ ތަނެއްވެސްވަނީ ހަދާފައެވެ.

ނޮޅިވަރަމްފަރު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނޮޅިވަރަންފަރަކީ މި ސަރުކާރުގެ 4 އަހަރުގެތެރޭގައި 108 ރަށެއްގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ސަރުކާރުގައި ތަރައްޤީކޮށްފައިވަނީ އެންމެ 23 ރަށުގެ ބަނދަރުކަމަށެވެ.

"ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަންޖެހޭ. އަދި މިކަން ބަލައިގަންނަކަށް ސާބިތުކޮށްދިނުމަށް ލިބޭ އެންމެ ބޮޑު ފުރުސަތަކީ، އަންނަ މަހުގެ 23ވަނަ ދުވަހު ދެވޭ ވޯޓް." މިނިސްޓަރ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ކުރިއަށްއޮތް 5 އަހަރު ރާއްޖޭގެ ހިންގުން ހަވާލުކުރާނެ މީހަކު ނިންމާ ވަގުތުޖެހިފައިވާއިރު އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ މާޒީއަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭކަމަށެވެ. އެގޮތުން އެކަމުގެ ޤާބިލުކަންހުރި، ޚިދުމަތްކުރަން އިނގޭ، ޤައުމަށް ތަރައްޤިގެނެވޭނީ ކާކަންކަން ބެލުމަށްފަހު ވޯޓުދޭންޖެހޭކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

"ސިއްޙި ނިޒާމާއި، ތައުލީމީ ނިޒާމް، އަސާސީ އެެހެން ޚިދުމަތްތައް ރަނގަޅުކުރުމަށް ސަރުކާރުންވަނީ ބޮޑެތި މަސައްކަތްތައް ކޮށްފައި. ޤައުމުގެ ވެރިއަކަކށް ގެންނަންނަވާނީ މިފަދަ ތަރައްޤިގެންނަ، އިޙްލާސްތެރި ވެރިއެއް." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ނޮޅިވަރަންފަރު ބަނދަރުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ. އެމްޓީސީސީން ބުނީ ބަނދަރު ތަރައްޤީކޮށްފައިވަނީ ރައްޔިތުންނާއި އޮޑިވެރިން ބޭނުންވާ ބަދަލުތަކާއިއެކުކަމަށެވެ. 2016 ވަނަ އަހަރުގެ ޖެނުއަރީމަހު ފެށި މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިއަހަރުގެ މާރޗް މަހުގެތެރޭގައެވެ.

މި މަޝްރުޢޫއަކީ "ރީކޮންސްޓްރަކްޝަން އޮފް ހާބަރސް ޕްރޮޖެކްޓް ފޭސް-2" ގެ ދަށުން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑިބީ)ގެ ލޯނު އެހީއާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރުޢޫއެކެވެ. ނޮޅިވަރަންފަރު ބަނދަރު ހެދުމުގެ މަސައްކަތަކީީ މި ޕްރޮޖެކްޓްގައި ހިމަނައިގެން ކުރިއަށްގެންދިޔަ 10 ރަށުގެ ތެރޭގައި ހިމަނައިގެން މަސައްކަތް ކުރިއަށްގެންދިޔަ އެއް ރަށެވެ. ނޮޅިވަރަންފަރު ބަނދަރުގެ މަސައްކަތަށްވަނީ 44 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.

ސަރުކާރުން ގެންދަނީ ނޮޅިވަރަންފަރުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން އެރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ވަރަށްއަވަހަށް ފަށާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.