ޚަބަރު

މާވަރުލު އެއަރޕޯޓާއެކު ގައްދޫ ރައްޔިތުންނަށް އުފާވެރިކަން


މާވާރުލު އެއަރޕޯޓްގެ މަސައްކަތަށް ތަރުޙީބުދިނުމުގެ ގޮތުން ގދ.ގައްދޫ ރަށްޔިތުން، އެއަރޕޯޓްގެ މަސައްކަތްކުރާ ފަރާތްތަކަށް "ދެކުމެއް" ދީފިއެވެ.

ގައްދޫގެ ރައްޔިތުންވަނީ މާވަރުލަށް ޒިޔާރަތްކޮށް އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި، މަސައްކަތްކުރަމުންދާ ފަރާތްތަކާ ބައްދަކޮށް އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ސަޤާފީ ޙަރަކާތެއްކަމަށްވާ "ދެކުމާ ދިއުން" ކަމުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ކިޔައިއުޅެނީ ބޮޑެތި މަސައްކަތްކުރާއިރު އެކަމަށް ތަރުޙީބު ދިނުމުގެގޮތުން ގިނަބަޔަކު އެއްވެގެން ހަދިޔާހިފައިގެންދާ ދިއުމަށެވެ. ގައްދޫގެ ގިނަޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ހަރަކާތުގައި، ދިވެހި ކެއުތަކާއި މަލާފަތް، ވެދުމަކަށްވަނީ އަރުވާފައެވެ.

މިކަމުގައި އިސްކޮށް ހަރަކާތްރެރިވި ފަރާތްތަކުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ބުނެފައިވަނީ މާވަރުލު އެއަރޕޯޓް މަޝްރޫޢުއަކީ މުޅި އެސަރަޙައްދުގެ ރައްޔިތުންނަށްވެސް ލިބޭ ހިތްހަމަޖެހުމެއްކަމަށެވެ. ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަވުމުގެ އިތުރުން، މިމަޝްރޫޢާއެކު އިޤްތިޞާދީ ބޮޑެތި ކުރިއެރުންތައްވެސް އަންނާނެކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ. އެގޮތުން ރިސޯޓްތައް އިތުރުވުމާއި، ގެސްޓްހައުސް ވިޔަފާރިއާއި، ދަނޑުވެރިކަންކުރާ ފަރާތްތަކުގެ ވިޔަފާރިވެސް ފުޅާކުރުމަށް ހުޅުވޭ މުހިންމު ދޮރޮއްގެގޮތުގައި އެފަރާތްތަކުން ފާހަގަކުރެއެވެ.

ގައްދުއަކީ މިސަރުކާރުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢޫތައް ހިންގާފައިވާ ރަށެކެވެ. އެގޮތުން ބަނދަރު ތަރައްޤިކުރުމާއި، ނަރުދަމާއާއި، ގޮނޑުދޮއް ޙިމާޔަތްކުރުމާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަމަސައްކަތްތަކެއް ކޮށްފައިވާ ރަށެކެެވެ.

ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާ މާވަރުލު އެއަރޕޯޓްގައިި ބާރަސަތޭކަ މީޓަރު ދިގު ރަންވޭއެއް އެޅުމަށް ހަމަޖެހިފައިވެއެވެ. އެމްޓިސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިއެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު، މިހާރު ކުރިއަށްދަނީ ރަންވޭ އެޅުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތެވެ. މާވަރުލު އެއާޕޯޓް މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ.