ޚަބަރު

އިންޑިއާ އާއި ޗައިނާގެ ގުޅުމަކީ ޤަދީމީ، ތަޢުރީފު ޙައްޤު ގުޅުމެއް: ޗައިނާ


އިންޑިއާ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަކީ ޤަދީމީ ޒަމާނުއްސުރެ އޮންނަ، ތަޢުރީފު ހައްޤު ގުޅުމެއްކަމަށް ޗައިނާގެ ދިފާޢީ ވަޒީރު ވިދާޅުވެއްޖެއެވެ. ޗައިނާގެ ދިފާޢީ ވަޒީރު ވެއި ފެންގެއި މިހެން ވިދާޅުވެފައިވަނީ، އޭނާ އިންޑިއާއަށް ވަޑައިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމާ ބެހޭގޮތުން ޗައިނާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ބައްދަލުކުރެއްވުމުގައި ވެއި ވަނީ، ޗައިނާ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަކީ އެތައް ޒަމާނެއްވެފައިވާ ވަރުގަދަ ގުޅުމެއްކަމަށް ވިދާޅުވެފައިކަމަށެވެ.އަދި މޯދީ ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުގެ ސަބަބުން ދެ ގައުމުގެ ސަލާމަތީ ގުޅުންތައް ހަރުދަނާވެ، ދެގައުމު ގުޅޭ ސަރަހައްދީ ރޮނގުގައި ސުލްޙަ ޤާއިމުކުރުމަށް ފަސޭހަ ވެގެންދާނެކަމަށް ވެސް ވޭއި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުުން އިންޑިއާގެ ބޮޑު ވަޒީރު މޯދީ ވިދާޅުވީ، ދެ ގައުމުގެ ސިޔާސަތުތަކުގައި ހުންނަ ތަފާތުތަކުގެ ސަބަބުން ދެގައުމުގެ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރައިގެން ނުވާނެކަމަށާއި، ދެ ޤައުމުގެ ދެމެދު އޮންނަ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން އަބަދުވެސް ސުލްޙަވެރި ކަމާއެކު ދަމަހައްޓަންޖެހޭ ކަމަށެވެ.

2017 ވަނަ އަހަރު ދެ ޤައުމު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީ އަސްކަރީ ކުރިމަތިލުންތަކަކަށް ތައްޔާރުވުމަށް ދެ ޤައުމުންވެސް ފިޔަވަޅުތައް އެރިއިރު މިހާރު އޭޝިޔާގެ އެންމެ ބޮޑު ދެ ބާރުގެ ގުޅުންތައް ދަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.