ޚަބަރު

"ޢީދު ރަށަށް ގެނެއުން " ހުޅުމާލޭގައި މިފަހަރު ޢީދު ޙަރަކާތް ތަފާތު ގޮތަކަަށް


ހުޅުމާލޭގައި 1439 ވަނަ އަހަރުގެ ޢީދު ޙަރަކާތްތައް ފަށައިފިއެވެ.

"ޢީދު ރަށަށް ގެނެއުން"، މި ނަމުގައި ހުޅުމާލޭގައި ޢީދު ޙަރަކާތް ފެށީ ޚާއްޞަ ޕެރޭޑަކުންނެވެ. ހުޅުމާލޭގެ ރައްޔިތުންގެ ބައިވެރިވުމާއެކު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން އިންތިޒާމުކުރި މި ޕެރޭޑް ފެށީ ހުޅުމާލެ ބާބަކިއު ސަރައްޙައްދުންނެވެ. ޘަޤާފީ ނެށުންތަކާއި، ބިލެއްދަފި ނެގުމުގެ އިތުރުން ބޮޑުބެރުގެ ޙަރަކާތްތައް ދައްކާލި މި ޕެރޭޑް ނިންމާލީ ސެންޓްރަލް ޕާކު ޞަރަޙައްދަށެވެ. ޕެރޭޑްބުރު ނިންމާލުމަށްފަހު، ހުޅުމާލޭ ރައްޔިތުން ވަނީ ހެޗް.ޑީ.ސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަޙްމަދު ބުންޔާމިން ގެ އަރިހުން ހުޅުމާލޭގައި ޢީދު ކުޅިވަރުތައް ބޭއްވުމުގެ އިޒުނައަށް ރަސްމީގޮތުން އެދިފައެވެ. މިޙަރަކާތުގައި ދެޖިންސުގެ އެކި އުމުރުފުރާތަކުގެ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ގައިވެސް ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކުގައި ބޮޑު ޖަމާޢަތުގައެވެ. ޢިދުނަމާދު އިމާމުކޮށްދެއްވާނީ ޑރ. ޝަހީމް އަލީ ސަޢީދެވެ. އަދި ހުޅުމާލެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ވެރިކަން ކުރާ ޕާޓީގެ ޖަގަހައިގަ ޢީދު ސައެއްވެސް އިންތިޒާމުކުރާނެކަމަށް އެޗްޑީސީން ބުނެއެވެ.

"ޢީދު ރަށަށް ގެނެއުން" ޙަރަކާތާ ބެހޭ ގޮތުން އެޗްޑީސީގެ ސީ.އޯ.އޯ އަޙްމަދު ބުންޔާމިން ވިދާޅުވީ ހުޅުމާލޭ ރައްޔިތުންނަށް ރަށުގައި ތިބެގެން ޢީދު ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ އެޗްޑީސީގެ ޢަމާޒުކަމުގައެވެ. އެގޮތުން ޢީދު ދުވަހުގެ ހެދުނުން ފެށިގެން ރޭގަނޑާ ހަމަޔަށް ގިނަ ޙަރަކާތަތެއް ކުރިޔަށްގެންދިއުމަށް ރާވާފައިވާކަމަށެވެ. ބުންޔާމީން ވަނީ ޢީދު ޙަރަކާތުގައި ވީހާވެސް ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް އެދިފައެވެ.

ހުޅުމާލޭގައި ފުރަތަމަ ފަހަރަށް ޢީދަށް ޚާއްޞަކޮށް މިފަދަ ކުޅިވަރު ޙަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާތީ، ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުން އެކަމާއި ވަރަށް ބޮޑަށް އުފާކުރާކަމަށް އެ މީހުން ބުންޏެވެ. މިގޮތުން، ހުޅުމާލޭގައި ޢީދުގެ ކުޅިވަރުތައް ރާވާ ހިންގަން ސަރުކާރުން ދެއްވި އަހައްމިއްޔަތުކަން އެމީހުން ފާހަގަކުރެއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ހުޅުމާލޭގައި މިފަދަ ޙަރަކާތްތައް ބޭއްވުމަށް އުންމީދުކުރާކަމަށްވެސް ބައެއް މީހުން ބުންޏެވެ. ޕީއެސްއެމާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ޢީދު ކުޅިވަރު މިހާ ކުލަގަދަ ކޮށް މީގެ ކުރިން ހުޅުމާލޭގައި ފެނިފައިނުވާތީ، ކުޅިވަރުތަކުގެ އަޖުމަ ބަލައިލަން މިފަހަރުގެ ޙަރަކާތްތަކުގައި ބައިވެރިވާނެކަމަށެވެ.

"ޢީދު ރަށަށް ގެނެއުން" ޙަރަކާތުގެ ތެރެއިން ބަޑިބޭހުގެ ކުޅިވަރާއި، ފެންކުޅިވަރު ފަދަ ޢީދާ ގުޅުން ހުރި ޘަޤާފީ ގިނަ ކުޅިވަރުތައް ކުރިޔަށްގެންދަން އެޗްޑިސީންވަނީ ރާވާފައެވެ. މި ޙަރަކާތްތައް ރާވާފައިވަނީ ބައިވެރިވާ ފަރާތްތަކަށް ގިނަ ޢިނާމުތަކެއް ޢީދު ހަދިޔާ ގެ ގޮތުގައި ކުޅިވަރުތަކުގެ ތެރެއިން ލިބިގެންދާނެ ފަދަ ގޮތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.