ޚަބަރު

ޢީދު ނަމާދު ފުރިހަމަވާނީ ޚުޠުބާ އަޑު އެހުމުން- އިސްލާމިކް މިނިސްޓަރ


ޢީދު ނަމާދުގެ ޘަވާބާއި ދަރުމަ އެންމެ ހެޔޮގޮތުގައި ލިބިގަތުމަށް، ޢީދު ނަމާދަށްފަހު ޚުތުބާ އަޑުއެހުމަށާއި، ޢީދުނަމާދު ފުރިހަމަވާނީ ޚުޠުބާ އަޑުއެހުމަށްފަހުކަން ފާހަގަކުރައްވައި އިސްލާމިކް މިނިސްޓަރ އަޙްމަދު ޒިޔާދު ނަޞޭޙަތްތެރިވެވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ މާލެއެކޭ އެއްގޮތަށް މިއަހަރުވެސް ގިނަ ރަށްތަކެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެކަމަށެވެ. އަދި މިގޮތަށް ބޮޑު ޖަމާޢަތުގައި ނަމާދުކުރަނީ އެއީ ކީރިތި ރަސޫލާގެ ސުންނަތެއްކަމަށްވާތީއާއި، މިކަމުގެ ސަވާބު އެއްމެ ހެޔޮގޮތުގައި ހޯދޭނީ މިކަންކުރަންޖެހޭ އެންމެ ފުރިހަމަ ގޮތުގައި ކުރުމުންކަމަށްވާތީކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާރު ބައެއްފަހަރު ފެންނަ މަންޒަރެއްކަމަށްވާ، ފޯނާކުޅުމާއި ވާހަކަދެއްކުންފަދަ ކަންކަމުން ދުރުހެލިވެ، ދުވަހުގެ ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން އެހެން ފަރާތްތަކަށް އުނދަގޫ ކުރިމަތިވާކަމަށާއި މިއީ މިފަދަ މާތް ވަގުތެއްގައި ފެންނަންނުވާ މަންޒަރުތައްކަމަށެވެ. މިނިސްޓަރ ވަނީ ހުކުރު ނަމާދެކޭ އެއްގޮތަށް، ޢީދުނަމާދުގައިވެސް ޚުތުބާއަކީ ނަމާދު ފުރިހަމަވުމުގެ ބައެއްކަމަށެވެ. އެހެންކަމުން ޚުޠުބާ އަޑުއެހުމަކީ ޢީދު ނަމާދު ފުރިހަމަކުރުމަށް ކުރަންޖެހޭކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ ޢީދުދުވަހަކީ މުސްލިމް އުންމަތުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ލިބޭ އެންމެ މުހިންމު ފުރުސަތުކަމަށެވެ. އަދި ޢީދުދުވަހުގައި މީހާ ކުރާ ޢަމަލުތަކަކީ އިސްލާމީ ތަރަހައިގެތެރެއިން ކުރާ ޢަމަލުތަކެއްގެ ގޮތުގައި މީހާގެ ޢަމަލުތައް ބެހެއްޓުމަށް މިނިސްޓަރ ގޮވަލެއްވިއެވެ.

މިނިސްޓަރ ޒިޔާދު ވިދާޅުވީ ޢީދު ދުވަހަކީ، އެއްމުސްލިމަކު އަނެއް މުސްލިމަކާ ބައްދަލުވެ ސަލާމްގަލާމްކޮށް، ގުޅުންބަދަހިކުރުމާއި ޢާއިލާއާއި ރަޙްމަތްތެރިންނަށް ޒިޔާރަތްކުރަންޖެހޭ ދުވަހަކަށްހެދުން މުހިންމުކަމަށެވެ.