ސިޔާސީ

ޑރ. ޝަހީމްގެ ހަޔާތުން ޒުވާނުންނަށް އަގުހުރި ފިލާވަޅުތަކެއް!


ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ޙަޔާތަށް ބަލާލާއިރު އެމަނިކުފާނުގެ ހަޔާތުގެ ބޮޑު ބައި ހޭދަކުރެއްވީ ދީނީ މަސައްކަތްތަކުގައެވެ. އިސްލާމިކް މިނިސްޓަރގެ މަޤާމުގައި ހުންނެވުމަށްފަހު އިސްތިއުފާދެއްވައި، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރި އިސްލާމީ ޔުނިވާސިޓީ ހިންގެވުމާ ހަވާލުވެވަޑައިގަތެވެ. ސިޔާސީ ހަޔާތް ދޫކޮށްލެއްވުމަށްފަހު ދީނީ މަސައްކަތްތައް ހުސްވެވަޑައިގެންނެވިއެވެ.

ރައީސް ޔާމީންގެ ރަނިންގމޭޓްކަށްވުމަށް ހުށަހަޅައި ރައީސް ޔާމީން އެމަނިކުފާނަށް ފޯނު ކުރެއްވިއިރު އެމަނިކުފާނު އިންނެވީ ދަރިވަރުންތަކެއްގެ ޓެސްޓް ޕޭޕަރތަކެއް މާރކް ކުރުމުގެ މަސައްކަތުގައެވެ. ދިވެހިރައްޔިތުންނަށް ޚިދުމަތްކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި ހުށަހެޅުއްވުން އެމަނިކުފާނު ޤަބޫލުކުރެއްވިއެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންގމޭޓްގެ ގޮތުގައި ރިޔާސީ ކެމްޕެއިނަށް ނިކުމެވަޑައިގަތުން ވެގެންދިޔައީ އެމަނިކުފާނުގެ ސިޔާސީ ޙަޔާތުގައި ލިޔެވެންފެށި މުޅިން އައު ޞަފްޙާއަކަށެވެ.

ކެމްޕެއިނަށް ރަށްރަށަށް ކުރެއްވި ޒިޔާރަތްތަކުގައި އެމަނިކުފާނު ރައްޔިތުންނާ ބަހައްޓަވާ ގާތްގުޅުމަކީ ފާހަގަކުރެވޭ ގުޅުމެކެވެ. މިދަތުރުފުޅުގައި ކުޑަކުދިންނަށް ބަހައްޓަވާ އޯގާތެރި ގާތް ގުޅުމާއި، އިސްރަށްވެހިންނަށް އަދާކުރައްވާ އިޙްތިރާމުގެ އިތުރުން ޒުވާނުންނާއެކު ވަގުތު ހޭދަކުރެއްވުމަށް އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. ޒުވާނުންގެ އަމިއްލަ ސިކުނޑިން ވިސްނައި ގޮތެއް ނިންމުމަށް ވިދާޅުވާ ސިޔާސީ ވާހަކަތަކާއެކު، ޒުވާނުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވައެވެ. އަމިއްލަ ޙަޔާތްޕުޅުން މިސާލު ދައްކަވައެވެ.

ވަޒީފާއެއްގެ ގޮތުގައި ބަލައިގަނެވޭނީ ހަމައެކަނި ޓައީއެއް އަޅައިގެން އޮފީހަށް ދިއުމުން ނޫން ކަމަށާއި ކޮންމެ ވަޒީފާއެއްވެސް އަދާކުރުމަކީ ޝަރަފެއްކަމުގައި ދެކުމަށް ޒުވާނުންނަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަންނަވައެވެ. އަމިއްލަ ޙަޔާތްޕުޅުން ޒުވާނުންނަށް މިސާލުދައްކަވައެވެ. އެމަނިކުފާނު ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ފިހާރައެއް ފޮޅާ ސާފުކުރާ މީހެއްގެ ވަޒީފާ ކަމަށާއި، އެ މަޤާމުގެ އުޖޫރައަކަށް ލިބެނީ 700 ރުފިޔާކަމަށް ވިދާޅުވެ، ޑރ. ޝަހީމް ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަ ދިރިއުޅުމުން ޒުވާނުންނަށް މިސާލުދައްކަވަމުންނެވެ.

ފިހާރައެއްގެ ފޮޅާ ސާފުކުރާ މީހެއްގެ ވަޒީފާއިން ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުކަމާ ހަމައަށް، އަދި ދިވެހިރާއްޖޭގެ ނާއިބުރައީސް ކަމުގެ މަޤާމާ ފިޔަވަޅެއްހާ ކައިރިއަށް ޑރ. ޝަހީމް ކުރެއްވި ދަތުރަކީ ޒުވާނުންނަށް ހަޤީޤަތުގައިވެސް އިބްރަތްތެރި އެތައް ފިލާވަޅުތަކެއް ދަސްކުރެވޭނެ ދަތުރުފުޅެކެވެ.

ޒުވާނުންނާއެކު ޑރ. ޝަހީމް ބާއްވަވާ ބައްދަލުކުރެއްވުންތަކުގައި ޤައުމެއް ކުރިއަރައި ދިއުމުގައި ޒުވާނުންގެ ދައުރު ބޮޑު ކަމާއި، ކޮންމެ ޤައުމަކަށްވެސް ތަޢުލީމީ ޤާބިލު ޒުވާނުންގެ ދައުރު ބޮޑު ކަން ތަކުރާރުކޮށް ފާހަގަކުރައްވައެވެ. އިސްރަށްވެހިންނާއި ކާބަފައިންގެ ޙަޔާތުން ފިލާވަޅު ލިބިގަނެ، އެފަރާތްތަކުގެ ޢަމަލީ ތަޖުރިބާގެ އަލީގައި ޒުވާނުން ކުރީ ސަފަށް ނުކުންނަ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ހޯދުމަށް ރާއްޖޭގެ އެކިކަންކޮޅުތަކަަށް ޑރ. ޝަހީމް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނުގެ ފަރާތުން ފެނިގެންދާ ހީވާގިކަމާއި، ހަވާލުވެވަޑައިގެންފައިވާ ޒިންމާއަށް އެމަނިކުފާނު ކަމޭ ހިއްތަވާ މިންވަރަކީ ޒުވާނުންނަށް އެތައް ފިލާވަޅުތަކެއް ލިބޭނެ ކަންތައްތަކެކެވެ. އަދި މި ޒިޔާރަތުގައި ރަށްރަށުގެ ޒުވާނުންގެ ޝޫއޫރުތައް އަޑު އައްސަވައި ޒުވާނުންނާ މެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އިސްކަމުގެ ސަބަބުން ޒުވާނުންގެ ހިތްތަކުން ވަނީ އެމަނިކުފާނަށް ޚާއްޞަ ގަދަރަކާއި އިޙްތިރާމެއް ދެވިފައެވެ. އަދި ޒުވާނުން ދަނީ އެ މަނިކުފާނަކީ އެފަރާތްތަކުން ރުހޭ ފަދަ ޢިލްމީ ޤާބިލް ހަރުދަނާ ޝަޚްޞިއްޔަތެއް ގޮތުގައި ބަލައިގަންނަމުންނެވެ.