ޚަބަރު

އިހަވަންދޫގައި އިންސިނިރޭޓަރ ބޭނުންކޮށްގެން ކުނި ނައްތާލާ ނިޒާމު ޤާއިމްކުރުމަށް ނިންމައިފި


ހއ. އިހަވަންދޫގައި އިންސިނިރޭޓަރ ބޭނުންކޮށްގެން ކުނި ނައްތާލުމުގެ ނިޒާމެއް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެވަނަ ދައުރުގައި ޤާއިމް ކުރައްވާ ގޮތަށް ނިންމަވައިފިއެވެ.

ރައީސް ޔާމީންގެ މި ނިންމެވުން ހާމަކުރައްވާ ޕީއެސްއެމް ނިއުސްއަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ހއ. އިހަވަންދޫއަކީ މުޅި އިހަވަންދިއްޕޮޅުގައިވެސް އެންމެ ބޮޑެތި ސިނާޢީ މަސައްކަތް ކުރާ އެއްރަށް ކަމަށެވެ. އެގޮތުން އެރަށަކީ ފައިބަރުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ އިހަވަންދޫއަކީ އާބާދީގެ ގޮތުންވެސް ބޮޑު ރަށެއް ކަމަށެވެ.

"އެހެންވީމަ އެރަށުގައި އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ކުރިއަށް މިއޮތް ފަސް އަހަރެއްގައި އެރަށުގައި ރައްކާތެރި ގޮތެއްގައި ކުނި މެނޭޖުކުރުމަށް ވޭސްޓް މެނޭޖުމަންޓް ސެންޓަރެއް ހަދާ އަދި އެތަނަށް ބޭނުންވާ އިކިއުޕްމަންޓާއި ޚާއްސަކޮށް އެރަށަށް ބޭނުންވާ އިންސިނިރޭޓަރެއްވެސް ޤާއިމް ކުރެވިގެންދާނެ ވާހަކަ ދަންނަވާލަން" ތާރިޤް ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ވަނީ ރައީސް ޔާމީންގެ ފުރަތަމަ ދައުރުގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖު ކުރުމުގެ ބޮޑެތި މަޝްރޫޢުތައް ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ލުއި ފަސޭހަކަން ރައްޔިތުން ލިބިގަންނަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްކާތެރި ގޮތުގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް ކުރެވިފައި ނުވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ ރަށްތައް ވަރަށް ބޮޑަށް ގޮނޑުވެ ސިއްޙީ ގޮތުން ބޮޑެތި މައްސަލަތައް ރާއްޖޭގެ ރައްޔިތުންނަށް ދިމާވި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އިހަވަންދޫގައި ކުނި މެނޭޖު ކުރުމުގެ ބޮޑު މަޝްރޫޢުއެއް ރައީސް ޔާމީންގެ ދެވަނަ ދައުރުގައި ފަށަން ނިންމިއިރު އެރަށުގައި ޤާއިމްކުރާ ކުނި މެނޭޖު ކުރުމުގެ ނިޒާމަކީ މުޅި އިހަވަންދޫގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލެވޭނެ ނިޒާމެއް ކަމަށެވެ.

އިންސިނިރޭޓަރ ބޭނުން ކޮށްގެން ހއ. އިހަވަންދޫގައި އުފެދޭ ކުނި ނައްތާލުމުގެ ނިޒާމެއް ރައީސް ޔާމީންގެ ދެވަނަ ދައުރު ޤާއިމް ކުރައްވާ ގޮތަށް ނިންމެވިއިރު އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކުރައްވައިފިނަމަ ރާއްޖޭގެ ބިމުގެ ދަތިކަން ހުރި ރަށްތަކުގެ ބިން ހިއްކާ ބިމުގެ ތަނަވަސްކަން އިތުރުކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ. އެގޮތުން ބިން ބޮޑުކުރަން ނިންމެވި ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫވެސް ހިމެނެއެވެ.