ޚަބަރު

ދިވެހި ޙައްޖާޖީން އަރަފާތުބިމަށް ޖަމާވަމުން އެބަދޭ


ދިވެހި ޙައްޖާޖީން އަރަފާތުބިމަށް ޖަމާވަމުން އެބަދެއެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނުގެ ހަވާލުގައި ޙައްޖަށްދިޔަ މީހުންގެ ތެރެއިން 600 ޙައްޖާޖީން މިހާރު އަރަފާތު ބިމުގައި ހެޔޮ ހާލުގައި ތިބިކަމަށެވެ. އަދި ބާކީ ތިބި މީހުންވެސް މިހާރު އަރަފާތު ބިމަށް އައުމުގެ މަގުމަތީގައި ވާކަމަށެވެ. ޙައްޖު ކޯޕަރޭޝަނުން ބުނީ މި އެންމެންގެ ހާލުވެސް ރަނގަޅުކަމަށާ، އެ ކޯޕަރޭޝަނުގެ ހަވާލުގައި ދިޔަ މީހުންގެ ތެރެއިން ރޭ އަރަފާތު ބިމަށް އައުމަށް ހަމަޖެހިފައިވާ ގްރޫޕަށް އަރަފާތު ބިމަށް ނާދެވުނީ މޫސުން ގޯސްވުމުގެ ސަބަބުން އެ މީހުންނަށް ޚާއްޞަކޮށްގެން އަރަފާތު ބިމުގައި ތައްޔާރުކޮށްފައިވާ ޓެންޓުތައް ހަލާކުވުމުގެ ސަބަބުން ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުން މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅެވެ. އަދި މިވަގުތު ސަޢޫދީއަށް ހޫނު ގަދަނަމަވެސް މޫސުން އާއްމުގޮތެއްގައި ރަނގަޅުކަމަށް މަޢުލޫމާތު ލިބެއެވެ.
ރާއްޖެއިިން މިއަހަރު ޖަމާއަތްތަކުގެ ހަވާލުގައި ދިޔަ ބައެއް ހައްޖުވެރިން މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ އަރަފާތުބިމަށް ގޮސްފައެވެ.

ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދޭގޮތުގައި ރާއްޖޭގެ ޙައްޖާޖީން ވަނީ މެންދުރު ނަމާދާއި އަސުރު ނަމާދު އިސްކޮށް ޖަމްއުކޮށް، ދިވެހި ބަހުން ޚުތުބާ އިއްވާފައެވެ. ޙައްޖަށް ގޮސްތިބި މީހުންގެ ތެރެއިން މިއަދު އިރުއޮއްސުމުގެ ކުރިން އަރަފާތު ބިމަށް ނުވަދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ. އަރަފާތު ބިމުގައި މިއަދު އިރުއޮއްސެންދެން ޙައްޖުވެރިން އަޅުކަމުގައި ވަގުތު ހޭދަކުރުމަށްފަހު އިރުއޮއްސުމުން މުޒުދަލިފާއަށް ދަތުރު ފަށާނެއެވެ. އެތާނގައި މަޣްރިބް ނަމާދާއި އިޝާ ނަމާދު ކުރުމަށްފަހު ޙައްޖުވެރިން ދެން ދާނީ މިނާއަށެވެ. މިނާގައި ޖަމްރާއަށް ހިލަ އުކުމާއި އުޟުހިޔާ ކަތިލުން ފުރިހަމަ ކުރާނެއެވެ. އެއަށްފަހު ޙައްޖުވެރިން އެނބުރި މައްކާއަށް ރުޖޫއަވެ، ތަވާފުލްއިފާޟާ ފުރިހަމަ ކުރާނެއެވެ. ޙައްޖުގެ އެންމެ ފަހުގެ އަޅުކަން ކަމުގައިވާ ވަދާއުލް ތަވާފަށްފަހު މައްކާއިން ޙައްޖުވެރިން އެނބުރި ޤައުމަށް ދާން ފުރަން ފަށާނެއެވެ.

ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކަށް އުމުރުން އެއްފަހަރު ކުރުން ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. މި އަޅުކަމަކީ ވަކި ހަސަބެއް ނަސަބެއް ނުވަތަ ނަސްލެއް އިސްތިސްނާނުވެ ﷲގެ ހަޟްރަތުގައި އެކަލާނގެ އަޅުތަކުންގެ ހަމަހަމަކަން ދައްކުވައިދޭ އެންމެ ފުރިހަމަ މިސާލެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުން އެއްތަނަކުން ބައްދަލުވެ އިސްލާމީ އުއްމަތުގެ އުޚުއްވަތްތެރިކަން ދައްކުވައިދޭ އެންމެ ބޮޑު ޖަމާޢަތްވެސްމެއެވެ.