އިންޑިއާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކޮޗިން އިން ތްރިވަނަންތަ ޕޫރަމަށް ބަދަލުކުރި ދިވެހިންގެ ތެރެއިން، ކޮޗިން އިން ރާއްޖެ އައުމަށް ޓިކެޓް ނަގާފައިވާ މީހުންގެ ޓިކެޓްތައް އިތުރު ފީއަކާ ނުލައި ރީ ރޫޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފިއެވެ.
ތްރިވަނަންތަޕޫރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުގެ ޑެޕިއުޓީ ކޮންސުލް ޖާދުﷲ ތައުފީޤް ވިދާޅުވީ، އިންޑިއާގެ ދެކުނު ކެރަލާ ސްޓޭޓަށް ކުރަމުންދާ ވިއްސާރައާގުޅިގެން އެސްޓޭޓުގެ ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން އެހީއަށް އެދުނު ދުއިސައްތަ ނަވާރަ މީހަކު ތްރިވަނަންތަޕޫރަމަށް ބަދަލުކޮށް ނިމިފައިވާކަމަށެވެ. މި މީހުންގެ ތެރޭގައި ކޮޗިންގައި ދިރިއުޅޭ މީހުންނާއި އެކި ބޭނުންތަކުގައި ކޮޗިންއަށް ގޮސް ތިބި ދިވެހިން ހިމެނޭކަމަށް ޖާދުﷲ ވިދާޅުވިއެވެ.
ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ކޮޗިންގެ އެއަރޕޯޓު ވަނީ މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ވަގުތީ ގޮތުން ބަންދުކޮށްފައެވެ. ޖާދުﷲ ވިދާޅުވީ، ކޮޗިން އިން ރާއްޖެ އަންނަން ޓިކެޓް ނަގާފައިތިބި ދިވެހިންނަށް މި މުއްދަތުގައި ރާއްޖެ އައުމަށް ދަތިތަކެއް ދިމާވުމާ ގުޅިގެން، މޯލްޑިވިއަން އާއި ސްރީ ލަންކަން އެއަރލައިންސް އާ މަޝްވަރާ ކުރުމަށްފަހު މި ފަރާތްތަކަށް އިތުރު ފީއަކާ ނުލައި ތްރިވަނަންތަޕޫރަމުން ރާއްޖެއަށް އާދެވޭގޮތް ތްރިވަނަންތަޕޫރަމްގައި ހުންނަ ދިވެހި ކޮންސްލޭޓުން ހަމަޖައްސައި ދީފައިވާކަމަށެވެ.
އިންޑިއާގެ ކެރަލާ ސްޓޭޓަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ހިނގި ތަފާތު އެކިޙާދިސާތަކުގައި މިހާތަނަށް ހަތަރުސަތޭކައެއްހާ މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައްބުނެއެވެ. މޫސުމީ އެކި ޙާދިސާތަކުގެ އަސަރުކުރި ޞަރަޙައްދުތަކުން ދުއިސައްތަ ތޭވިސް ހާހަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
މިއީ ނަވާރަސަތޭކަ ސައުވީސް ވަނަ އަހަރުގެ ފަހުން މޫސުމީ ވިއްސާރައިގައި ކެރެލާ ސްޓޭޓުގައި މިހާވަރަށް ފެންބޮޑުވި ފުރަތަމަ ފަހަރުކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ.