ޚަބަރު

މިއަދަކީ މިއަހަރުގެ ޙައްޖު ދުވަސް


މިއަދަކީ ޛުލްޙިއްޖާ މަހުގެ ނުވަ ވަނަ ދުވަސް، މުސްލިމުންގެ އެންމެ ބޮޑު ޖަމާޢަތް އެއްތަނަކުން ބައްދަލުވާ ދުވަހެވެ. މިއަދަކީ މިއަހަރުގެ ޙައްޖު ދުވަހެވެ.

ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހަކީ ޙައްޖުވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ފާހަގަކުރާ މަތިވެރިދުވަހެކެވެ. ޙައްޖު ދުވަހަށް ޢަރަފާތު ދުވަހޭ ކިޔެނީ ޙައްޖު ދުވަހަކީ ޙައްޖުވެރިން ޢަރަފާތް ބިމުގައި ހޭދަކުރާ ދުވަހަށްވުމުންނެވެ. އަދި ޙައްޖު ލިބުނުކަމަށް ވާނީ ޒުލްޙިއްޖާ މަހުގެ ނުވަ ވަނަ ދުވަހު ޢަރަފާތު ބިމަށް ވަދެވޭ މީހުނަށް. އެބިމަށް އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ނުދެވޭ މީހުނަށް ޙައްޖު ނުލިބޭނެއެވެ. ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މީހުން އެއްތަނަކަށް އެއްވާ ބިންކަމަށް ވާއިރު އެބިމަށް ނުދާ އެތައް މިލިއަން މުސްލިމުންނެއް މިއަދު ތިބޭނީ ރޯދައަށެވެ. ކީރިތި ރަސޫލާގެ ހަދީޘެއްގައިވާގޮތުން އަރަފާތު ދުވަހު ހިފާ ރޯދައަކީ ފާއިތުވި އަހަރުގައި ކުރެވިފައިވާ ފާފަތަކާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުހެވިގެންދާނެ ރޯދައެކެވެ.

އެހެންކަމުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުން މިދުވަހު ރޯދަ ހިފާ ޞަދަގާތް ކުރުން އިތުރުކުރާއިރު މިދުވަހަށް ތައްޔާރުވުމަށް ޒަމާނުއްސުރެ ސަޢޫދީޢަރަބިޔާއިން ވެސް ބޮޑެތި ތައްޔާރީތައްވެއެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެމިލިއަނަށް ވުރެ ގިނަ ޙައްޖުވެރިން މައްކާއަށް ގޮސްފައިވާކަމަށް ސަޢޫދީ ޙައްޖާއި ބެހޭ އިދާރާއިން ބުނޭ. އަދި މިހުރިހާ ޙައްޖުވެރިންނަށް ބޭނުންވާ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފަންސަވީސް ޢާއްމު ހޮސްޕިޓަލް ޤާއިމްކޮށްފައިވާނެ ކަމަށް ސަޢޫދީ ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި މައްކާއާއި މަދީނާގައި ޙައްޖުވެރިން ޖަމާވާ އެކި ސަރަޙައްދުތަކުގައި ސަތޭކަ ފަންސާސް ފަސް ސިއްޙީ މަރުކަޒު ޤާއިމްކޮށްފައިވާއިރު މި ތަންތަނުގައި އެއްފަހަރާ ފަސްހާހަށްވުރެ ގިނަ މީހުން އެޑްމިޓް ކޮށްގެން ފަރުވާދެވޭނެކަމަށްވެސް ސަޢޫދީ ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ޙައްޖުވެރިންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ތިރީސް ހާސް މީހުން ތަމްރީނު ކޮށްފައިވާއިރު އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ފަރމަސިސްޓުންނާއި ޓެކްނީޝަނުން ފަދަ މީހުން ހިމެނެއެވެ. ޙައްޖުވުމަށް ދެމިލިއަނަށްވުރެ ގިނަ މީހުން މައްކާއަށް ޖަމާވާއިރު، އެމީހުންނަށް އެހީތެރިވުމަށާއި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކޮންމެ އަހަރަކުވެސް އެތައް ހާސް ކެޑޭޓުންނާއި ސިފައިން ތަމްރީނު ކުރާކަން ފާހަގަކުރެވޭ.

ސަޢޫދީގެ ޙައްޖުގެ ކަންކަން އިންތިޒާމްކުރާ ފަރާތްތަކުން ބުނީ ޙައްޖާ ދިމާކޮށް ދެހާސް ކިއުބިކް ޓަނަށްވުރެ ގިނަ ޒަމްޒަމް ފެން ކޮންމެ ދުވަހަކުވެސް މަސްޖިދުލް ޙަރަމުގައި ބޭނުންކުރަމުންދާކަމަށެވެ. އަދި މަސްޖިދުލް ނަބަވީގައި ކޮންމެ ދުވަހަކުވެސް ތިން ސަތޭކަ ޓަނުގެ ފެން ބޭނުންކުރާކަމަށެވެ. މީގެ އިތުރުން މިއަހަރުގެ ޙައްޖުގައި މަސްޖިދުލް ޙަރަމުގައި ވިހި މުޢައްޒިނުން ބަންގި ގޮވުމަށް ޙަރަކާތްތެރިވާއިރު ދިހަ އިމާމުން އިމާމުވެ ނަމާދު ކުރައްވާނެކަމަށްވެސް ސަޢުދީން ބުނެއެވެ.

ސައުދީ ރަސްގެފާނުގެ ޚާއްސަ މެހުމާނުންގެ ގޮތުގައި މިއަހަރު ފަސްހާސް ތިންސަތޭކަ ޙައްޖުވެރިން ވަކި ޚާއްސަ އިންތިޒާމްތަކެއްގެ ތެރެއިން މައްކާއަށްގޮސްފައިވާއިރު، ރަސްގެފާނުގެ ޚާއްސަ މެހުމާނުންގެ ގޮތުގައި ނުވަދިހަ ހަތަރު ޤައުމަކުން ޙައްޖާޖީން މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނެކަމަށް ސަޢުދީ އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން އެއްހާސް ތިންސަތޭކައަށްވުރެ ގިނަ މީހުން ވަނީ ސަޢުދީއަށް ގޮސްފައެވެ. އަހަރަކަށްވުރެ އަހަރެއް ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ސަޢުދީއަށް ދާމީހުންގެ ޢަދަދުވެސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވުމަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކުވެސް ސަޢޫދީ ސަރުކާރާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރެއެވެ.

ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކަށް އުމުރުން އެއްފަހަރު ކުރުން ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. މި އަޅުކަމަކީ ވަކި ހަސަބެއް ނަސަބެއް ނުވަތަ ނަސްލެއް އިސްތިސްނާނުވެ ﷲގެ ހަޟްރަތުގައި އެކަލާނގެ އަޅުތަކުންގެ ހަމަހަމަކަން ދައްކުވައިދޭ އެންމެ ފުރިހަމަ މިސާލެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުން އެއްތަނަކުން ބައްދަލުވެ އިސްލާމީ އުއްމަތުގެ އުޚުއްވަތްތެރިކަން ދައްކުވައިދޭ އެންމެ ބޮޑު ޖަމާޢަތްވެސްމެއެވެ.