އ.ދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވުމަކީ، މުޅި ދިވެހި ޤައުމަށް ލިބުނު ފުން ހިމާތައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ކޯފީ އަނާން އަވަހާރަވުމާ ގުޅިގެން އ.ދ. ގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޝަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައެވެ.
އެންޓޯނިއޯ ގުޓާރޭޝަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އ.ދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ދުނިޔޭގެ ޞުލްޙައިގެ އިނާމު ޙާސިލުކުރައްވާފައިވާ ކޯފީ އަނާން އަވަހާރަވުމަކީ، މުޅި ދިވެހި ޤައުމަށް ލިބުނު ފުން ހިމާތައެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ކޯފީ އަނާނަކީ މުޅި އިންސާނިއްޔަތުގެ ހައްޤުގައި ވަކާލާތުކުރެއްވި ބޭފުޅެއްކަމަށާއި، އެމަނިކުފާނު އ.ދ. ހިންގެވުމާއި ހަވާލުވެވަޑައިގެންނެވީ ވަރަށް ނާޒުކު ދަނޑިވަޅެއްގައިކަމަށާއި، އެމަނިކުފާނު ދުނިޔޭގެ ޞުލްޙައަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ، އެކަމުން ގިނަ ބައެއްގެ ހިތްތަކުގައި ކޯފީ އަނާނާއި ދޭތެރޭގައި ޤަދަރު އުފުލުނުކަމެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި، މިކަމަކީ ކުރިޔަށް އޮތް ޖީލުތައް ނަމޫނާއަކަށް ބަލައި އެކަމުން ޢިބްރަތް ޙާޞިލުކުރާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާއިން ދިވެހިރާއްޖެ އަރައިގަތުމުގައި ކޯފީ އަނާންގެ ހިންގުންތެރިކަމުގެ ދަށުން ކުރެއްވި ނަމޫނާ މަސައްކަތްޕުޅުތަކާއި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ބެހޭގޮތުން ހޭލުންތެރިކުރުވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެމަނިކުފާނުގެ ހަނދާންތަށް މީހުންގެ ހިތްތަކުގައި އަބަދުވެސް ދެމިހުންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި މިއަދު ދުނިޔެއަށް ގެއްލުނީ ދުރުވިސްނޭ، ޝަހްސިއްތަޔު ވަރުދަގަ ލީޑަރެއްކަމުގައި ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ކޯފީ އަނާން އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.