ޚަބަރު

އެމް.ޑީ.ޕީއާއެކު ދިވެހި ރައްޔިތުންނަށް އެއްވެސް ކުރިމަގެއް ނެތް- ޠާރިޤު


އެމް.ޑީ.ޕީއާއެކު ދިވެހި ރައްޔިތުންނަށް އެއްވެސް ކުރިމަގެއް ނެތްކަމަށާއި، އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކީ ރައްޔިތުން ބޭނުންވާފަދަ ބޭފުޅެއް ނޫންކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ޕީ.އެސް.އެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ، ފެށުނީންސުރެއް އެމް.ޑީ.ޕީގެ ފިކުރަކީ ޤައުމު ބައިބައިކޮށް، ފަނާކުރުމަށް ހިތްވަރުދޭ ފިކުރެއް ކަމަށާއި، އެކަން މާޒީން ހެކިދޭނެކަމަށެވެ. އަދި މިއަދު އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި އިބްރާހީމް މުޙައްމަދު ޞާލިޙު ވާދަކުރައްވަން ނިކުންނެވުމަކުން އެމް.ޑީ.ޕީގެ ފަނާކުރަނިވި ފިކުރެއް ބަދަލެއް ނުވާނެކަމަށްވެސް މިނިސްޓަރ ޠާރިޤު ވިދާޅުވިއެވެ.

އެމް.ޑީ.ޕީގެ ވެރިކަމުގައި ކަންކަން ހިނގާދިޔަގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ޠާރިޤު ވިދާޅުވީ، އެމް.ޑީ.ޕީގެ ވެރިކަމުގައި ކުރީގެ ރައީސް ނަޝީދަށް ރައްޔިތުންނަށް ކޮށްދެވުން އެއްވެސް ރަނގަޅުކަމެއް ނެތްކަމަށެވެ. އަދި ރައްޔިތުންނަށް ކޮށްދޭނެ ކަމަށްބުނެ ވީ ވަޢުދުތައް ނުފުއްދުނުތާ، ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިންޖަހާ 3 އަހަރާއި ދުވަސްކޮޅެއްފަހުން ވެރިކަމުން ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިޢުފާދެއްވީ މުޅި ޤައުމު ދަރުވާލުމަށްފަހުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓާއި އެމަނިކުފާނުގެ ރަނިން މޭޓު ރަށްރަށަށް ވަޑައިގަތުމުން މަރުޚަބާ ދެންނެވުމަށް މީހުން ނިކުންނަށް ޖެހިލުން ވަނީ ވަޒީފާގެ ބިރަށްކަމަށް ބުނެ ސަރުކާރުގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުޙުމަތުތަކަށްވެސް މިނިސްޓަރ ޠާރިޤު ވަނީ ރައްދުދެއްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ސިޔާސަތުތަކަކީ އެއްވެސް ރޭވުންތެރިކަމެއް ނެތް، ތާކުންތާކުން ނުޖެހޭ ސިޔާސަތުތަކެއް ކަމަށާއި، އެކަން ރައްޔިތުންނަށް މިހާރު ސާބިތުވެފައިވާކަމަށެވެ. އަދި ރައްޔިތުންނަށް ކޮށްދޭނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކަށް މިއަދު ދެއްކޭނެ މާގިނަ ވާހަކަތަކެއް ނެތްކަމަށާއި، އިދިކޮޅު ރިޔާސީ ކެންޑިޑޭޓާއި އެމަނިކުފާނުގެ ރަނިން މޭޓަށް މަރުޙަބާ ކިޔުމަށް ނިކުންނަ ރައްޔިތުންގެ އަދަދު މަދުވުމުން ދައްކުވައިދެނީ އިދިކޮޅު ކޯލިޝަނަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މިންވަރުކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮންކްރީޓަކީ ތަރައްޤީނޫންކަމަށް ބުނުމަށްފަހު، ބަނދަރާއި، ފްލެޓާއި، އެއަރޕޯޓު ފަދަ ތަންތަން ހައްދަވައިދެއްވާނެކަމަށް ބުނެ ރަށްރަށަށްގޮސް ރައްޔިތުންނަށް އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓު ވަމުންދާ ވަޢުދުތަކަށްވެސް މިނިސްޓަރ ޠާރިޤު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.