ޚަބަރު

އެމްޑީޕީގެ ކެނޑިޑޭޓުގެ މެނޭޖަރު އައްޔަނުކުރީ ކެނޑިޑޭޓަށް ނޭނގި!!


އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިޙުގެ ކެމްޕެއިން މެނޭޖަރަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަމަޖެއްސީ، އިބްރާހިމް މުހައްމަދު ސާލިހުއަށް އެނގިވަޑައިނުގެންކަން ހާމަވެއްޖެއެވެ.

ނަޝީދުއާއި އިބްރާހިމް މުހައްމަދު ޞާލިހުގެ ގުޅުން ގޯސްވެފައިވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ދުވަހު ނޫހަކަށް ދިން އިންޓަވިއެއްގައި އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، އޭނާގެ ކެމްޕެއިން މެނޭޖަރަކަށްވުމަށް ނަޝީދު ނިންމާފައިވަނީ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި، އަމިއްލައަށްކަމަށެވެ. އަދި ކެމްޕެއިން މެނޭޖަރަކަށް ނަޝީދު ހަމަޖައްސާފައިވާކަން އިބްރާހިމް މުހައްމަދު ޞާލިހުއަށް އެނގިވަޑައިގަތީ ވަޓްސްއަޕް ގުރޫޕެއްގެ ލިޔެފައި އޮތްވާކަމަށްވެސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން މެނޭޖަރަކަށްވުމަށް ނަޝީދު އަމިއްލަފުޅަށް ނިންމާފައިވާއިރު، އެކަމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ނަޝީދު މަސައްކަތްކުރައްވަނީ އިބްރާހިމް މުހައްމަދު ސާލިހުއަށް އެހީވުމުގެ ބަދަލުގައި، ލަނޑެއް ދިނުމަށްކަމަށެވެ. މީގެއިތުރުން ކެމްޕެއިން މެނޭޖަރަކަށް ކުރިން ހުންނެވި އައްޑޫ ސިޓީއަށް ނިސްބަތްވާ ބޭފުޅާ އެކަމުން ދުރުކުރުމުންވެސް ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އެފަރާތްތަކުން ބުނީ އެމްޑީޕީން މަސައްކަތްކުރަނީ އައްޑޫ ސިޓީ ރައްޔިތުންނަށް އޮޅުވާލަންކަމަށެވެ.

އިބްރާހިމް މުހައްމަދު ޞާލިޙުގެ ކެމްޕެއިން މެނޭޖަރަކަށް މުހައްމަދު ނަޝީދު ހަމަޖެއްސުމުން އެކަމަށް ފާޑު ކިޔުން އަމާޒުވެފައިވާއިރު، ކެނޑިޑޭޓެއްގެ ކެމްޕެއިން މެނޭޖަރަކަށް ޖިނާޢީ ހުކުމެއް އިއްވާފައިވާ މީހަކު ހަމަޖެއްސޭނެތޯ ބުނެ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިބްރާހިމް މުހައްމަދު ސާލިޙުގެ ކެމްޕެއިން މެނޭޖަރަކަށް ނަޝީދު ހަމަޖެއްސިކަން އަންގާފައިނުވާކަމަށެވެ. މީގެއިތުރުން ޖަލު ޙުކުމް ތަންފީޒުކުރަމުންދާ ކުށްވެރިން ބޭނުންކޮށްގެން ކެމްޕެއިން ހަރަކާތްތައް ހިންގުމަކީ މަނާކަމެއްކަން ޕާޓީތަކަށް އަންގާފައިވާނޭކަމަށްވެސް އިލެކްޝަންސްއިން ބުނެއެވެ.

ޖިނާޢީ ޙުކުމް ތަންފީޒުކުރަމުންދާ މީހުން ބޭނުންކޮށްގެން ރިޔާސީ އިންތިޚާބުގެ ކެމްޕެއިންކޮށްގެން އިންތިޚާބުން ނިކުންނަ ނަތީޖާ ޞައްޙަވާނެތޯ މިއީ ގިނަ ބަޔަކު މިއަދު ކުރަމުންދާ ސުވާލެކެވެ.