ޙުކުމް ތަންފީޒު ކުރަމުންދާ ޤައިދީއަކަށް ސީރިއަސް ސިއްޙީ މައްސަލައެއް ދިމާވެގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދެމުންދާކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދޮގުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ މީޑިއާ އޮފިޝަލް ސީނިއާ ޕްރިޒަން އޮފިސަރ އަޙްމަދު ލުޤްމާން ވިދާޅުވީ، ހަމުގެ މައްސަލައެއް ދިމާވެގެން ޤައިދީއަކަށް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ސީރިއަސް ސިއްޙީ މައްސަލައެއް ދިމާވެފައި ނުވާކަމަށެވެ. އަދި ޤައިދީއާ ބައްދަލުކުރުމަށް ޢާއިލާއިން އެދުމުން އެކަމަށް ހުރަސް އަޅާފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީވެސް ދޮގު ވާހަކަތަކެއް ކަމަށް ލުޤްމާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޢާއިލާ މީހުންނަށް ޤައިދީންނާ ބައްދަލު ކުރުމަށް އޮންނަ އުޞޫލާއި އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައިވާ ބަލިމީހުންނާ ބައްދަލުކުރުމަށް އޮންނަ އުޞޫލުގެ ދަށުން އެ ފުރުޞަތު އޭނާގެ ޢާއިލާގެ މީހުންނަށް ދީފައިވާކަމަށެވެ. އަދި އެއީ ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީއެއްކަމުން އޭނާއާ ބައްދަލުކުރެވޭނީ ހަމައެކަނި ޢާއިލާއަށް ކަމަށްވެސް ލުޤްމާން ވިދާޅުވިއެވެ.