ޚަބަރު

ވޯޓު ކަރުދާހުގެ ނަކަލު ތައްޔާރުކުރުމަކީ މަނާކަމެއް- އިލެކްޝަންސް


ވޯޓު ކަރުދާހުގެ ނަކަލުގެ ގޮތުގައި ބެލެވިދާނެފަދަ އެއްވެސް އެއްޗެއް ހަދައިގެން ބޭނުން ކުރުމަކީ މަނާކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅިގެން އެކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެފަދަ އެއްޗެއް ތައްޔާރުކޮށްގެން ސޯޝަލް މީޑިއާގައި ފަތުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ނަމަވެސް އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ ދަށުން މިއީ މަނާކަމެއްކަމަށާއި ވޯޓު ކަރުދާސް ހުންނާނެ ގޮތާމެދު އިލެކްޝަންސް ކޮމިޝަން ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އިޢުލާނެއް ނުވަތަ އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ކުރުމަކީވެސް މަނާކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެހެންކަމުން މިފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެއެވެ.

ވޯޓު ކަރުދާހުގެ ނަކަލުގެ ގޮތުގައި ބެލެވިދާނެފަދަ އެއްޗެއް ބޭނުން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައި މިވަނީ، މިފަދަ ބައެއް ތަކެތި ތައްޔާރުކޮށްގެން އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.