ޚަބަރު

ސޫރިޔާ އާރާސްތުކުރަން އެމެރިކާއިން އެކުލަވާލި ފަންޑަށް އެމެރިކާއިން ދެން އެހީއެއް ނުދޭނެ- ޓްރަމްޕް


ސޫރިޔާ އާރާސްތުކުރުމަށް އެމެރިކާއިން އެކުލަވާލާފައިވާ ފަންޑުން ޚަރަދުކުރުން ހުއްޓާލާނެކަން އެމެރިކާއިން އިޢުލާންކޮށްފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ މި ޚަރަދުތައް ދެން ކުރާނީ ސޫރިޔާގެ އަވައްޓެރި، މުއްސަނދި ޤައުމުތަކުން ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަމާ ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސޫރިޔާ އާރާސްތުކޮށް ކުރިއެރުވުމަށް އެމެރިކާއިން ކޮންމެ އަހަރަކު ދުއިސައްތަ ތިރީސް މިލިއަން ޑޮލަރު ޚަރަދު ކުރަމުންދާ ކަމަށާއި، މިއީ އެއްވެސް ހާލެއްގައި ތާކުންތާކުޖެހޭ ޢަދަދެއް ނޫންކަމަށެވެ. ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ދެން މި ފަންޑުން ޚަރަދުކުރުން ހުއްޓާލާނެ ކަމަށާއި، ދެން މި ޚަރަދުތައް ބަލަހައްޓަން ޖެހޭނީ ސޫރިޔާގެ އަވައްޓެރި، މުއްސަނދި ޤައުމުތަކުންކަމަށެވެ.

އެގޮތުން، ސައުދީ ޢަރަބިއްޔާ ފަދަ މެދު އިރުމަތީގެ މުއްސަނދި ޤައުމުތަކުން އެ ޒިންމާ އުފުލަންވީ ވަގުތު ޖެހިއްޖެކަމަށް އެމެރިކާގެ ރައީސް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ، މި ފައިސާ އެމެރިކާއިން ދެން ޚަރަދު ކުރާނީ އެމެރިކާ އާއި އެ ޤައުމުގެ އަސްކަރިއްޔާ ކުރިއެރުވުމަށް ކަމަށާއި އެގައުމަށް ވާގިވެރިވެދޭ ގައުމުތަކަށް އެހީތެރިވުމަށްކަމަށެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހުކުރު ދުވަހު ބުނެފައިވަނީ މި ފަންޑަކީ ސޫރިޔާގެ ހަމަޖެހުން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ފަންޑެއް ކަމަށާއި، އެމެރިކާގެ ސަރުކާރުން ވަނީ މި ފައިސާ އެހެން ކަމަކަށް ޚަރަދުކުރުމަށް އިރުޝާދު ދީފައިކަމަށެވެ.

މި އަަހަރުގެ ފެބްރުއަރީ މަހު އެމެރިކާއިން ވަނީ ސޫރިޔާގައި ހަރަކާތްތެރިވި އައި.އެސް. ހަނގުރާމަވެރިން އެ ޤައުމުން ނައްތާލުމަށްފަހު، އެ ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް ދުއިސައްތަ މިލިއަން ޑޮލަރު ދޭނެކަމަށް ބުނެފައެވެ. އެހެންނަމަވެސް މިއަހަރުގެ މާރިޗު މަހު މި ފައިސާ ދެން ނުދިނުމަށް އެމެރިކާގެ ރައީސް ނިންމެވިކަމަށް ރިޕޯޓްތައް ބުނޭ. ޓްރަމްޕް އޭރު ވަނީ އެމެރިކާއިން ޚަރަދުކުރާ މި ފައިސާ ހޭދަކުރާ ގޮތުގެ ތަފްސީލު ދިނުމަށް ގޮވާލައްވާފައެވެ.

އަދި މިކަމުގައި އެހެން ޤައުމުތަކުން އިތުރު ޚަރަދުކުރުމަށް ވެސް ޓްރަމްޕް އޭރު ގޮވާލެއްވިއެވެ. ސޫރިޔާ އާރާސްތުކުރުމަށް އެމެރިކާއިން ދޭ ފައިސާ ދިނުން ހުއްޓާލާނެ ކަން އެގައުމުން އިއުލާނުކޮށްފައި މިވަނީ މިކަމަށްޓަކައި ސަތޭކަ މިލިއަން ޑޮލަރުގެ އެހީތެރިކަން ދޭނެކަމަށް ސައުދީ ޢަރަބިއްޔާއިން ހުސްވި ހަފުުތާގައި އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅޭގޮތުން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުދީއިން މި އެހީ ދީފައިވަނީ، ސޫރިޔާގެ މި ސަރަހައްދުތައް އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަރަށް މުހިއްމު ދަނޑިވަޅެއްގައިކަމަށެވެ.