ކުޅިވަރު

ފުރުސަތުތަކެއް ނަގާލުމަށްފަހު ރޮނާލްޑޯ ހިނިތުންވެފައި


ފުރުސަތުތަކެއް ނަގާލިނަމަވެސް އިޓާލިއަން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ކިއޭވޯ ވެރޯނާ އަތުން 3-2 ން ޔުވެންޓަސް މޮޅުވުމުން ކްރިސްޓިއާނޯ ރޮނާލްޑޯ ހިނިތުންވެއްޖެއެވެ.
ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ "ގޯލު ނުޖެހުނަސް ރޮނާލްޑޯ ހުރީ ޓީމު މޮޅުވުމުން ހިނިތުންވެފައި،" ކަމަށެވެ.

"އަހަންނަށް މައާފްކުރޭ އޭނާއަށް ލަނޑު ނުޖެހުމުން. މިއީ އޭނާގެ ފުރަތަމަ މެޗު. އޭނާ ވަރަށް ރަނގަޅަށް ކުޅުނު،" ކޯޗު ބުންޏެވެ.

ރޭގެ މެޗުގައި ޔުވެންޓަސްއަށް ލަނޑު ޖަހައިދިނީ ސާމީ ކެދީރާ އާއި ބަނީ އަދި ބާނާޑެވެ. މި މެޗުގައި ރޮނާލްޑޯއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ކިއޭވޯގެ ކީޕަރު ވަނީ ރޮނާލްޑޯ ގޯލު ޖެހިޔަނުދީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.

"އޭނާއަށް ބޯޅަދޭއިރު ވިސްނަންޖެހޭ ކަންތައްތަކެއް ހުރޭ. ކުޅުންތެރިން ދަސްވާނީ އެކުގައި ޕްރެކްޓިސްކޮށްގެން. (އާޖެންޓީނާގެ ޒުވާން ފޯވަޑް) ޕައުލޯ ދީބާލާ އާއި ރޮނާލްޑޯ އިންޓަޗޭންޖް ކޮށްގެން އަހަރުމެން ކުޅުނީ. އެކަމަކު އެކުގައި މި މެޗުގެ ކުރިން ކުރީ އެންމެ ހަތް ޕްރެކްޓިސް. ކުޅުންތެރިންނަށް އެކަކު އަނެކަކު ދަސްވި ވަރަކަށް ޓީމު ރަނގަޅުވާނެ،" ކޯޗު ބުންޏެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ރެކޯޑް އަދަދެއް ކަމަށްވާ 5 ފަހަރު ހޯދި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. އޭނާ ޔުވެންޓަސްއަށް ގެނައީ ރެއާލް މެޑްރިޑުގައި ހުއްޓައި 120 މިލިއަން ޔޫރޯ އަށެވެ. މިއީ 2009 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަދަދަށް ރެއާލްއިން ރޮނާލްޑޯ ގަތް އަގަށްވުރެ ބޮޑު އަގެކެވެ. އަދި ޔުވެންޓަސް ވަނީ އެންމެ ހަފުތާއެއްގެ ތެރޭގައި ރޮނާލްޑޯގެ ޖާޒީ ވިއްކައިގެން 100 މިލިއަން ޔޫރޯ ހަމަކޮށްފައެވެ.