ޚަބަރު

ތިނަދޫއޮތީ ރައީސް ޔާމީނާއެކު - ރައްޔިތުން


ތިނަދޫގައި ރައީސް ޔާމީނަށް އޮތް ތާޢީދު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތިޖާއިން ދައްކާނެ ކަމަށް އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންތަކެއް ބުނެފިއެވެ.

ތިނަދޫ ރައްޔިތުންތަކެއް މިހެން ބުނެފައިވަނީ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްވެ ހުންނަވައި އެރަށުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ޝުއޫރު ފާޅުކުރަމުންނެވެ. ތިނަދޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ޝުއޫރުފާޅުކުރި ރައްޔިތުން ބުނީ ތިނަދޫ ވަނީ ތަރައްޤީގެ ގޮތުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ކަމަށާއި އެ ބަދަލުގެ އަސްލަކީ ރައީސް ޔާމީން ކަމަށެވެ.

އެ މީހުން ބުނީ އިދިކޮޅު ފަރާތްތަކުން ތިނަދޫއަށާއި އެރަށުގައި ހުރި މުއައްސަސާތަކަށް ބޮޑެތި ގެއްލުން ތަކެއް ދިން ނަމަވެސް، މި ސަރުކާރުން ތިނަދޫ އަލުން އާރާސްތުކޮށްފައިވާކަމަށެވެ.

"މިރަށު ބިން ހިއްކައިދީ. މަގުތަކުގައި ތާރު އަޅައިދީ. އިސްލާމީ މަރުކަޒެއް ބިނާކޮށްދީ. މިއުޒިއަމް ޕާކެއް ހަދައިދީ. މިހެން ގޮސް އެތަށް ކަމެއް ރައީސް ޔާމީން ކޮށްދީފި." ތިނަދޫ ޒުވާނަކު ބުންޏެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ޒުވާނުންގެ ސިޔާސަތަށް މި ހަރަކާތުގައި ބައިވެރިވި ޒުވާނުން ވަނީ ތައުރީފު ކޮށްފައެވެ. އެގޮތުން ޒުވާނުންނަށް ފަހިކޮށްދިން ވަޒީފާގެ ފުރުޞަތުތަކާއި، ކުޅިވަރު ކުޅޭނެ އިންތިޒާމް ހަމަޖެއްސުމަށް ފުޓްސަލް ދަނޑުތަކާއި ސްޕޯޓްސް އެރީނާތަށް މި ސަރުކާރުން ޤާއިމުކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ.

މި ހިނގާލުމުގައި ބައިވެރިވި ތިނަދޫ އިސްރަށްވެހިންނާއި، އަންހެނުން ވަނީ ދެޖިންސުގެ ދެމެދުގައި އޮންނަ ތަފާތު ނައްތާލުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި، އިސް ރަށްވެހިންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ބަލައިގަންނަކަން ހާމަކޮށްފައެވެ. އަދި ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ކުރަން ނިންމީ މިކަންކަން އިތުރު ދަރަޖައަކަށް ގެންދިއުމަށްކަމަށެވެ.

ސަރުކާރަށް ތާއީދު އޮތް މިންވަރު ދައްކާލުމަށް ތިނަދޫގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި އެރަށުގެ ދެ ޖިންސުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި އިސްރައްވެހިން ބައިވެރިވިއެވެ.