ޚަބަރު

ޝަހިންދާ ދެއްކި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެއްޖެ


ދީނީގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ރާއްޖޭގައި އުޅޭކަމަށާއި އެމީހުންގެ ނުރައްކާ އިންޑިއާއަށްވެސް އޮތްކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓެއް އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއަށް ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުގެ ނަމުގައި ރާއްޖޭގައި ހިންގާ ޖަމާޢަތުގައި އިސްކޮށް އުޅޭ ޝަހިންދާ އިސްމާއިލް އިންޑިއާގެ ދަ ހިންދޫ ނޫހަށް ދިން އިންޓަވިއެއްގައި ބުނެފައިވަނީ ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު އިންޑިއާއަށް ދަތުރުކުރާއިރު، ދީނީގޮތުން ހައްދު ފަހަނައަޅާފައިވާ މީހުންގެ ނުރައްކާ އިންޑިއާއަށްވެސް އެބައޮތްކަމަށެވެ. މީގެ އިތުރުން އިންޑިއާގައި ދީނީ ހަރުކަށި ވިސްނުން ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ގުޅުން އޮންނަ ފަރާތްތައް ރާއްޖޭގައި އުޅޭކަމަށްވެސް ޝަހިންދާ ބުނެފައިވެއެވެ.

ޝަހިންދާ ވާހަކަތަކަށް ރައްދު ދިން ފަރާތްތަކުން ބުނެފައިވަނީ، އެކި ކަންކަމުގައި އިންޑިއާއަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާއިރު، މިފަދަ ވާހަކަތަކުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބޭނީ ދިވެހިންނަށްކަމަށެވެ. އަދި ޤައުމަށް ނުރައްކާވާ ގޮތަށް މިފަދަ ވާހަކަ ދައްކަނީ ސިޔާސީ މަޤްޞަދެއް ހާޞިލުކުރުމަށްކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިންޑިއާއަށް ދާ ދިވެހިންގެ ފަރާތުން އެޤައުމަށް ނުރައްކާވާނެކަމަށް ބުނެ ޝަހިންދާ ވާހަކަ ދައްކާފައިވާއިރު ދުނިޔޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދެއްވީ ﷲ ކަމަށް ބުނެ ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާގެ މައްސަލަ ޕޮލިހުން ތަހުޤީޤްކޮށްފައިވެއެވެ.