ޚަބަރު

އައިސީޓީ ދާއިރާ ތަރައްޤީވަނީ ބާރަށް، ދުވެލި ހިފަހައްޓަންޖެހޭ - ތަޖުރިބާކާރުން


އިންފޮމޭޝަން ކޮމިއުނިކޭޝަން ދައިރާގެ ސިޔާސަތުތައް މިހާރު ރާއްޖޭގައި ކުރިއަށްދަނީ ރަނގަޅަށްކަމަށާއި، މި ދުވެލީގައި މި ދާއިރާ ކުރިއަށްގެންދިއުމަކީ މުހިންމު ކަމެއްކަމަށް މި ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރުން ބުނެފިއެވެ.

ޕީއެސްއެމުން ގެނެސްދޭ މައި ނޭޝަން، މައި ފިއުޗަރ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިނޮވޭޓިވްއާއި ކްރިއޭޓިވް ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރައްވާފައިވާ އިބްރާހިމް ނަސްރީން ވިދާޅުވީ، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެ މިހާރު ކުރިއަށްދަނީ ވަރަށް ހަލުވި ދުވެއްޔެއްގައިކަމަށެވެ. އަދި ރާއްޖެ މިހާރު ކުރިއަރަމުންދާ ދުވެލީގެ ސަބަބުން ކްރިއޭޓިވް އިންޑަސްޓްރީގައި ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް ނަސްރީން ވިދާޅުވިއެވެ. އެހެންކަމުން މި ދުވެލީގައި ކުރިއަށްދިއުމަކީ މުހިންމު ކަމެއްކަމަށް ނަސްރީން ވިދާޅުވިއެވެ.

"ޓެކްނޮލޮޖީއަކީ އަސްލު އަބަދުވެސް އަޅުގަނޑުމެން މިއަދު އޭތި އެޑޮޕްޓް ނުކޮށްފިއްޔާ މާދަމައަށް އޭތި ގެއްލޭނެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ޕެނަލިސްޓުންވެސް އެގްރީވާނެ ކަންނޭނގެ. އެޕޭސްގަ އަޅުގަނޑުމެން މި ދަތުރުކުރަނީ. އަޅުގަނޑަށް ހީވަނީ މިދާ ޑައިރެކްޝަން ވަރަށް ހަމަ އިންޕޯޓެންޓް ކަންނޭނގެ މި މޯމެންޓަމްގައި މި ފޭސްގަ މެއިންޓެއިންކުރަން ނުކޮށްފިއްޔާ އަނެއްކާވެސް އަޅުގަނޑުމެން ފަހަތަށް ކަންނޭނގެ ދާނީ." އިބްރާހިމް ނަސްރީން ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާ ޑިޖިޓަލައިޒްކޮށް، ސްކޫލްތަކުގައި ކިޔަވައިދިނުމަށްޓަކައި ޓެބްލެޓް ތައާރަފްކޮށްފައިވާތީ މި ޕްރޮގުރާމްގައި ބައިވެރިވި ޕެނަލިސްޓުން ވަނީ ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ހައިސިއްޔަތުން މިއީ ރަނގަޅު ބަދަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އައިލެންޑާރސް ގުރޫޕް އޮފް ކޮންޕެނީސްގެ އެގްޒެކެޓިވް ޑައިރެކްޓަރ މުޙައްމަދު ޝަމްހީލް ވިދާޅުވީ، ޓެބްލެޓްގެ ޒަރިއްޔާއިން ކިޔަވާދޭން ފެށުމުން ދަރިވަރުން ކުރިއަރައި އެކުދިންގެ ޝައުގުވެރިކަން އިތުރުވެގެންދާނެކަމަށެވެ.

"ކުރީގަ ކޮންމެ ރަށެއްގައި އެބަ ހުންނަންޖެހޭ އާރތުގެ މޮޑެލްއެއް ދެއްތޯ. އިންސާނެއްގެ ހިތެއްގެ މޮޑެލްއެއް އެބަ އިންނަންޖެހޭ. އެކަމަކު މިހާރު ޓެބްލެޓް ބޭނުންކުރާ ހިސާބުން އަޅުގަނޑުމެންނަށް އޭތި އޮގްމެންޓެޑް ރިއަލިޓީ ތުރޫކޮށް އޭތި ދެއްކޭ ކަމުގައި ވަންޏާ ކޮންމެ ރަށަކަށް ހަރަދުކުރަންޖެހޭ މޮޑެލް ގަތުމާއި، ސައިންސް ލެބޯރޭޓަރީ ހެދުމާއި މިކަންކަން ކުރުމަށް ހަރަދުކުރަންޖެހޭ އެއްޗަކީ ވަރަށް ބޮޑު އެއްޗެއް. މިކަހަލަ ގޮތަކަށް ކިޔަވައިދޭކަމުގައިވަންޏާ ވަރަށް ބޮޑުތަނުން ދަރިވަރުންވެސް ކުރިއަރާނެ. އަނެއްކާ ދަރިވަރުން މިއަށް ޝައުގުވެރިވާލެއްވެސް މާބޮޑަށްވެސް އިތުރުވާނެ." މުޙައްމަދު ޝަމްހީލް ވިދާޅުވިއެވެ.

ސްމާރޓް ސިޓީގެ ކޮންސެޕްޓްގައި ކޮންމެ ގެއަކަށް ހައި ސްޕީޑްގެ އިންޓަނެޓް ގުޅައިދީ އިންޓަނެޓްގެ އަގުހެޔޮ ކޮށްދިނުމަށް މި ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އިކޮނޮމިކް ޓްރާންސްޕޮރމޭޝަން ދަ ޑިޖިޓަލް ފުރޮންޓިއަރ މި މައުޞޫއަށް ވާހަކަދައްކަމުން ޕްރޯ ޑިޒައިނަރގެ ފައުންޑަރ އަދި މެނޭޖިންގ ޑިރެކްޓަރ އިދާމް ރަޝީދު ވިދާޅުވީ، އިންޓަނެޓްގެ އަގުހެޔޮވުމުން މަލްޓި މީޑިއާ ބޭނުންކޮށްގެން ކުރިން ނުކުރެވޭ ގިނަ ކަންކަން ޙާސިލްވެގެންދާނެކަމަށެވެ. އެގޮތުން އެޑިޔުކޭޝަން ޑައިނޭމިކްވެ، ހުރިތާ ހުރެގެން ސްޕެޝަލިސްޓުންނާއި ވާހަކަދެކެވި އެތައް ބައިވަރު ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެކަމަށް އިދާމް ވިދާޅުވިއެވެ.

"މަލްޓި މީޑިއާ ބޭނުންކޮށްގެން އިހަށް ނުކުރެވޭނެ ވަރަށް ބައިވަރު ކަންތައް ކުރެވޭނެ އިނގޭތޯ. މިހާރު 3 ކަމެއް ބަލައިލަމާތޯ މީގެއިން ލިބިދާނެ. އެޑިޔުކޭޝަން ޑައިނޭމިކް ވެގެންދާނެ ހަމަ ޔަޤީނުންވެސް އިނގޭތޯ. ދެން އެންމެ ބޭނުންވާނީ ކޮންކަމެއްތޯ.؟ ހެލްތު ކެއަރ. ދިވެހިރާއްޖޭގަ އަޅުގަނޑުމެން ކުރި ސަރވޭއެއްގައި 10 އަތޮޅެއްގައި ތިބޭ ރައްޔިތުން 471 ޑޮލާރސް ސުޕެންޓްކުރޭ ސްޕެސިއަލިސްޓަކާއި ހަމައަށް ޑޮކްޓަރަކަށް ދައްކަންދާން. އެކަމަކު ޓެބްލެޓެއް އޮތުމުން ޑޮކްޓަރަކަށް ހަމަ ވީޑިއޯ ކުރަނީ. އެޑިވައިސްތައް ބޭނުންކޮށްގެން ސްޕެސިއަލިސްތަކަށްވެސް ކަނެކްޓް ކުރެވޭނެ. އިންޓަނެޓް ޔޫސޭޖް އިތުރުވާ ވަރަކަށް މިހާރު އަޑުނީވޭނެ އެތައް ބައިވަރު ވަޒީފާގެ ފުރުސަތުވެސް ހުޅުވިގެންދާނެ." އިދާމް ރަސީދު ވިދާޅުވިއެވެ.

މައި ނޭޝަން މައި ފިއުޗަރ ޕްރޮގްރާމްއަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ދައުރު ބޮޑުކޮށް، ތަފާތު ދާއިރާތަކުން ޤައުމަށް އަންނަމުންދާ ހަލުވި ކުރިއެރުމާއެކު އެކަންކަމުގެ މައުލޫމާތު ޒުވާނުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ޕީއެސްއެމްއިން ގެނެސްދޭ ޕްރޮގްރާމެކެވެ.