ޚަބަރު

ރިޔާސީ އިންތިޚާބުގެ ކަންކަމުގައި ބޭރުގެ އެހީއެއް ނުހޯދަން - އިލެކްޝަންސް


ރިޔާސީ އިންތިޚާބުގެ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނުން ރާއްޖެއިން ބޭރުގެ ބައެއްގެ އެހީތެރިކަން ހޯދަމުންދާކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ރަސްމީކޮށް އިޢުލާންކުރުމަށާއި ނަން ތަރުތީބުކުރުމަށް މިއަދު އިންތިޚާބީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ އެއްވެސްކަމެއްގައި ބޭރުގެ އެއްވެސް ފަރާތެއްގެ މަޝްވަރާއެއް ނުވަތަ ވަޞީލަތެއްވެސް ބޭނުން ނުކުރާކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ އައި.ޓީގެ ކަންކަމުގައި ޗައިނާގައި ޙަރަކާތްތެރިވާ ދެކުނު އެފްރިކާގެ ކުންފުންޏެއްކަމުގައިވާ ލެކްސްޓަނުން ޙަރަކާތްތެރިވަމުންދާކަމަށް ބުނެ ފަތުރަމުންދަނީ ޙަޤީގަތާއި ޚިލާފު ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ލެކްސްޓަން ކުންފުންޏަކީ އީ-ވޯޓިންގެ ވަޞީލަތްތައް އުފައްދާ ކުންފުންޏެއްކަމަށްވާތީ، އެކުންފުނީގެ އެހީހޯދުމަށް މަޝްވަރާކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ދަޢުވަތުން ދިން ކަމަށެވެ. ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރިޔަށް ގެންދިއުމުގެ ބޭނުމުގައި ސިޔާސީ ޕާޓީތަކަށް ދަޢުވަތުދިން ނަމަވެސް ސިޔާސީ ޕާޓީތަކުން އެކަމަށް އިޖާބަނުދޭކަމަށް ޝަރީފު ވިދާޅުވިއެވެ.

" ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ. އެބޭފުޅުން އަޅުގަނޑުމެންނަށް ޖަވާބުދެއްވާފައި އޮތީ ކޮމިޝަނުގެ ފަސް މެންބަރުން އިސްތިއުފާ ދެއްވާށޭ. އެއީ އަޅުގަނޑުމެން ފޮނުވި ސިޓީގެ ޖަވާބު. އަދި އެހެން ޕާޓީތަކުންވެސް މިަކަމަށް އިޖާބައެއް ނުދެއްވާ." ޝަރީފް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައިވެސް އިންތިޚާބުގެ ކަންކަމުގައި އެހެންފަރާތެއްގެ ވަޞީލަތެއް ބޭނުންކުރާނަމަ ސިޔާސީ ޕާޓީތަކާއި، އެޑްވައިޒަރީ ކޮމެޓީއާ މަޝްވަރާކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.
ސިޔާސީ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނާ ގުޅޭގޮތުން ދައްކާ ވާހަކަތަކުގެ ޞައްޙަކަން ކަށަވަރުނުކޮށް، ބައެއް މީޑިއާތަކުން އެކޮމިޝަނަށް އިލްޒާމުތައް ޢަމާޒުކުރަމުންދާކަން ފާހަގަ ކުރައްވާ ޝަރީފު ވިދާޅުވީ، މީގެ ކުރިން އެފަދަ ކަންކަމުގައި އަޅާނުލާ ދޫކޮށްލިނަމަވެސް މުސްތަޤުބަލުގައި ކަމާއި ގުޅުންހުރި މުއްސަސާތަށް މެދުވެރިކޮށް އެފަދަ ކަންކަން ބަލަމުންދާނެކަމަށެވެ.