ޚަބަރު

މިސަރުކާރުން މުއައްސަސާތަކުގެ ޙުރުމަތް ހިފަހައްޓާނެ - ޑރ. ޝަހީމް


ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި ދީނާ ޚިލާފް ކަމެއް ނުކުރާކަމަށާއި މި ސަރުކާރުން ދީނާ ގުޅުންހުރި މުއްސަސާތަކުގެ ޙުރުމަތް ހިފަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ތިނަދޫގައި ސަރުކާރުން ޢިމާރާތްކުރި އިސްލާމީ މަރުކަޒު ސަރަޙައްދުގައި ޕީޕީއެމްއިން ބޭއްވި ބައްދަލުވުމެއް ސިޔާސީ ކަމަކަށް ހެދުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

ތިނަދޫ ބަރާސިލު އަވަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އެރަށު އިސްލާމީ މަރުކަޒު ސަރަޙައްދުގައި ދީނާ ޚިލާފު އެއްވެސް ކަމެއްކޮށްފައި ނުވާނެ ކަމަށެވެ. އެގޮތުން އެ މަރުކަޒަކީ މުޅިން ނުނިމިހުރި ތަނެއް ކަމަށް ފާހަގަ ކުރައްވައި ޑރ. ޝަހީމް ވިދާޅުވީ އެތަނުގައި ސިޔާސީ ހަރަކާތެއް ނުހިންގަވާ ކަމަށެވެ.

"އެ މީހުން ބުނަނީ އަހަރެމެން މިސްކިތެއްގެ ހުރުމަތް ކެނޑީއޭ. އެކަމަކު އެއީ އަދި މިސްކިތަކަށްވެސް ނުވެ ހުރި ތަނެއް. އެއީ ޢިމާރާތް ކުރެވެމުންދާ ތަނެއް. އެތަން އަދި އެއްކޮށް ނުނިމޭ. އެތަނުގައި ފޮޓޯއެއް ނެގުމަކީ ތިނަދޫ ރައްޔިތުންނަށް އޮތް ޙައްޤެއް. އެތަނުގެ އެތެރެއަކަށް އަޅުގަނޑުމެންގެ މީހުންނެއް ނުވަދޭ. އެތާ ފޮޓޯނެގުން އިދިކޮޅު މީހުނަށް ހަޖަމް ނުކުރެވުނީ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، އެތަނަށް ޒިޔާރަތް ކުރީ އެތަން ބަލާލަން ކަމަށާއި ސިޔާސީ ޙަރަކާތެއް ހިންގަން ނޫން ކަމަށެވެ. އަދި ޕީޕީއެމްގެ އިސްބޭފުޅުންނާއެކު ތިއްބެވީ ތިނަދޫގެ ރައްޔިތުން ކަމަށާއި އެތާ ކައިރީ ފޮޓޯ ނެގުމަކީ އެރަށުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް ކަމަށެވެ. އަދި އެކަން ސިޔާސީކޮށް ވާހަކަ ދައްކަނީ ހަޖަމް ނުވާ މީހުން ކަމަށާއި އެފަދަ މީހުން އެތަން ބަލާލަންވެސް ނުކުޅެދިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މި ސަރުކާރަކީ ދީނީ ކަންކަމަށް ލޯބި ކުރާ ސަރުކާރެއް ކަމަށާއި، މި ސަރުކާރުން ދީނާ ގުޅުންހުރި އެއްވެސް ތަނެއްގެ ޙުރުމަތް ކަނޑާނުލާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ޚާއްޞަކޮށް އިސްލާމީ ޝިޢާރެއްގެ ހުރުމަތް މި ސަރުކާރުން ކަނޑައި ނުލާނެ ކަމަށް ވިދާޅުވިއެވެ. އަދި ދީނުގެ ރިވެތި އަޙްލާޤު ދެމެހެއްޓުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ޑރ. ޝަހީމް ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ޤާއިމް ކުރީމާ އެމީހުން ކަންބޮޑުވި، ކުރީގެ ކުއްލިއްޔާ ބަންދުކުރަން އެމީހުން އުޅުނު. އެކަން ކުރަން އުޅުނީ އެއީ ޓެރަރިސްޓުން އުފައްދާ ތަންތަނުގެ ގޮތުގައި ދެކިގެން. އެކަމަކު އިސްލާމީ ތަޢުލީމް ދިނުމަކީ ޤައުމުގެ މުސްތަގުބަލަށްޓަކާ ކުރަން ޖެހޭ ކަމެއް." ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ތިނަދުއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ގެންދަވަނީ ތިނަދޫ ގެތަކަށް ޒިޔާރަތް ކުރައްވައި ވަކިވަކި ފަރުދުންނާއި ވަކިވަކި ޢާއިލާތަކާ ބައްދަލުކުރައްވަމުންނެވެ. އަދި ކްލަބް ޖަމިއްޔާ ޖަމާޢަތްތަކުގެ މީހުންނާ ބައްދަލު ކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުންތައް ޑރ. ޝަހީމް ގެންދަވަނީ އަޑު އައްސަވަމުންނެވެ.