ޚަބަރު

އިދިކޮޅު ކޯލިޝަންގެ މަސްހުނިވެފައިވާ ފިކުރަށް ތަރައްޤީއެއް ނުގެނެވޭނެ - މިނިސްޓަރ ސަޢީދު


މަސްހުނިވެފައިވާ ފިކުރަކަށް ރައްޔިތުން ބޭނުންވާ ތަރައްޤީ ނުގެނެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރާ އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހު މިހާރު އިޢުލާން ކުރައްވަމުންދާ ރިޔާސީ ވަޢުދުތަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

އިކޮނޮމިކް މިނިސްޓަރ ސަޢީދު ވަނީ ހުޅުމާލެ ތަރައްޤީކުރުމުގައި ޕްލޭނެއް އެބައޮތްކަމަށާއި، އެކަން ކުރާނީ ކޮރަޕްޝަނާއި ނުލާކަމަށް ބުނެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ދާދިފަހުން ދައްކަވާފައިވާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބޮޑެތި ސުވާލުތަކެއް އެފަރާތްތަކަށް އަމާޒުކުރައްވާފައެވެ. އަދި ރައީސް ޔާމީން ހުޅުމާލެ ތަރައްޤީކުރައްވާފައިވާކަމަށާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ކުރިއަށްގެންދާ ހިޔާ މަޝްރޫޢާއި، މި ސަރުކާރުން ފަށާފައިވާ ވިޔަފާރިއާއި ގެދޮވެރިކަމުގެ މަޝްރޫޢުތައް ނިމޭއިރު، ދެން އެތަނުގައި އިތުރަށް ކުރަންޖެހޭނެ ތަރައްޤީއެއް ނޯންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެހެންމެ ރައީސް ޔާމީން ކުރިއަށް 3 ފިޔަވަޅު އަޅުއްވާ ވިލިމާލެ 2 ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުވެސް މިހާރު އިޢުލާން ކުރައްވާފައިވާކަން މިނިސްޓަރ ސަޢީދު ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީކުރާ 7000 ހައުސިންގ ޔުނިޓްތަކަށް އިޝާރާތްކުރައްވާ މިނިސްޓަރ ސަޢީދު ވިދާޅުވެފައިވަނީ އެ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށާއި، އިދިކޮޅު ކޯލިޝަންގެ ތެރޭގައި ހިމެނޭ ތަފާތު ރަހަތަކާއެކު މަސްހުނިވެފައިވާ ފިކުރަކަށް އެފަދަ މަޝްރޫޢުތައް ނުހިންގޭނެ ކަމަށެވެ. އަދި އެމް.ޑީ.ޕީއާއި ޖޭޕީ ހިމެނޭ ސަރުކާރެއް އަތުވެއްޖެނަމަ ނަތީޖާއަކަށް ވެގެންދާނީ 3 މީހެއްގެ އަމިއްލަ މަސްލަޙަތު ޙިމާޔަތްކުރުމަށް މަސައްކަތް ކުރުން ކަމަށާއި، އެއީ އެފަރާތްކަށް ޖަވާބުދެވޭނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަރ ސަޢީދު ވަނީ ވިދާޅުވެފައެވެ.