ޚަބަރު

ރައީސް ޔާމީން އޮޑިވެރިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމައިފި


ކަނޑު ދަތުރުކުރާ ފަރާތްތަކަށާއި އޮޑިވެރިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގެ ދެ މާއްދާއަކަށް އަމަލުކުރުން ވަގުތީގޮތުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.

ރައީސް ޔާމީން މިގޮތަށް ނިންމަވާފައިވާކަން އިޢުލާން ކުރައްވާފައިވާނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބ.ގޮއިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދުގެ 19 ވަނަ މާއްދާ އާއި 24 ވަނަ މާއްދާ އަލުން ރިވައިޒް ކުރުމަށްޓަކައި އެ ދެ މާއްދާއަށް އަމަލުކުރުން ވަގުތީގޮތުން ފަސް ކުރަން ރައީސް ޔާމީން ނިންމެވީ، ކަނޑުދަތުރުކުރާ ފަރާތްތަކުގެ ޝަކުވާ އަޑުއައްސަވައި ލުޔެއް ދެއްވުމުގެ ގޮތުން ކަމަށެވެ.

މި ޤަވާއިދުގެ 19 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން ނަމަ، އުޅަނދުފަހަރުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ލައިސަންސް އާ ކުރުމަށްޓަކައި، ކްލާހަކަށް ގޮސް ކިޔަވަން ޖެހެއެވެ. ނަމަވެސް، އެ މާއްދާ ސަސްޕެންޑު ކުރުމާ ގުޅިގެން، އެކަން ނުކޮށް ވެސް ކެޕްޓަނުންނާއި ފަޅުވެރިންގެ ލައިސަންސް އާ ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

މި ޤަވާއިދުގެ 24 ވަނަ މާއްދާގައިވާގޮތުން، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހަދައި ދިނުމުގެ ކުރިން، އެ އުޅަނދެއް އެހެލައި މަރާމާތުކޮށް، އެކަމުގެ ލިޔުމެއް ހޯދަން ޖެހެއެވެ. މިނިސްޓަރ ސައީދު ވިދާޅުވީ މި މާއްދާ އޮތްގޮތުން އޮޑިވެރިންނަށް ބޮޑެތި ތަކުލީފްތަކެއް އުފުލަން ޖެހޭ ކަމަށެވެ. އެހެންކަމުން މި މާއްދާގައިބުނާ ލިއުން ހޯދުމަށާއި ޑޮކްޔާޑުތައް މަދުވުމުން އޮޑިވެރިންނަށް މިކަމުގައި ބޮޑެތި ދަތިތަކެއް ދިމާވެފައިވާތީ، އޮޑިވެރިންގެ ޝަކުވާތައް އަޑުއަހައި އެފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ރައީސް ޔާމީން ނިންމެވީ ކަމަށެވެ.

"އެ ބުނާ ލިޔުން ހޯދުމަކީ ވަރަށް ބޮޑު ދައްޗަކަށް ވެފައި ވަނީ. އެހެންވެ، އެ ޝަކުވާތައް އެކި ފަރާތްތަކުން ރައީސަށް ހުށަހެޅުމާ ގުޅިގެން މިވަގުތަށް އެއަށް އަމަލު ނުކުރަން އެމަނިކުފާނު ނިންމެވީ. މިއީ ކަނޑު އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް ރައީސް ދެއްވި ވަރަށް ބޮޑު ލުޔަކަށް ވާނެ،" މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ، ދިގު މުއްދަތުން އަގު އަދާކުރާގޮތަށް މަސްވެރިންނަށް ސަރުކާރުން ދޫކޮށްފައިވާ އިންޖީނުތަކާއި ދޯނިތަކުގެ ޖޫރިމަނާ ފައިސާވެސް މަޢާފް ކޮށްދެއްވާފައެވެ. އަދި އިންޖީނުތަކާއި ދޯނިތަކަށް ދައްކަންޖެހި މިހާތަނަށް ނުދައްކާ ހުރިފައިސާ އެއްއަހަރާއި ދެއަހަރުގެ މުއްދަތެއްގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް އިތުރު ފުރުޞަތެއްވެސް ދޭން ނިންމަވާފައެވެ. އަދި ކުދި ކަނޑު އުޅަނދުފަހަރުތައް ރަޖިސްޓްރީކުރުމަށް އަހަރީފީ ދައްކަން ނުޖެހޭގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.