ޚަބަރު

ޢީދު ބަންދުގައި ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް ބަދަލު ގެނެސްފި


ޢީދު ބަންދުގައި އިންޕޯޓް މުދަލުގެ ވިޔަފާރި ކުރާ ތަންތަނާއި ސައިހޮޓާ ކެފޭ ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިމަހުގެ 18 އިން 31 ގެ ނިޔަލަށް އިންޕޯޓް މުދަލުގެ ވިޔަފާރި ކުރާ ތަންތަން ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެކަމަށެވެ. އަދި މިމުއްދަތުގައި ސައިހޮޓާ، ކެފޭ، ކެންޓީން، ކެފެޓޭރިއާ އަދި ރެސްޓޯރަންޓް ފަދަ ތަންތަން މެންދަމު 01:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެކަމަށެވެ.

މިބަދަލަކީ ޢީދު ބަންދާއި ދިމާކޮށް އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެ މިނިސްޓްރީން ގެނައި ބަދަލެކެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ ރަމަޟާންމަހުގައިވެސް އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މިފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް ބަދަލުގެނެސްފައެވެ.

މިހާރު ޤަވާއިދުގައިވާގޮތުން ވިޔަފާރި މުދާ ވިއްކާތަންތަން ބަންދު ކުރަންޖެހެނީ ރޭގަނޑު 10 ޖަހާއިރުއެވެ. އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ބަންދުކުރަން ޖެހެނީ މެންދަމު 12 ޖަހާއިރުއެވެ.