ޚަބަރު

ވިއްސާރައިގައި ކޮޗިންގައި ތާށިވެފަ ތިބި ދިވެހިން ތްރިވަނަންތަޕޫރަމަށް ގެނެސްފި


އިންޑިއާގެ ދެކުނު ކެރަލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެސްޓޭޓުގެ އެ ސްޓޭޓުގެ ކޮޗިންގައި ތާށިވެފައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކެރަލާއަށް މޫސުމް ގޯސްވެ، ކޮޗިންގައި ތާށިވެފައިތިބި 52 ދިވެހިން އެއްގަމު މަގުން ތްރިވަނަންތަޕޫރަމަށް ސަލާމަތްތެރިކަމާއެކު ގެނެސްފައިވާކަމަށެވެ. އަދި އިތުރު 27 ދިވެހިން ރައްކާތެރި ޞަރަޙައްދަށް ގެންދިއުމަށް މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ތްރިވަނަންތަޕޫރަމުގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ބުނީ ކޮޗިން އެއަރޕޯޓު ވަގުތީގޮތުން ބަންދުކުރުމާ ގުޅިގެން ރާއްޖެ އަނބުރާ ނާދެވިފައި ތިބި ދިވެހިން އަނބުރާ ޤައުމަށް ގެނައުމަށް މޯލްޑިވިއަން އާއި ސްރީ ލަންކަން އެއަރލައިންސް މެދުވެރިކޮށް މަސައްކަތްކުރަމުންދާކަމަށެވެ.

ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ކޮޗިން އެއަޕރޯޓު ވަނީ މިމަހުގެ 26 ހަމަޔަށް ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އިންޑިއާގެ ކެރަލާ ސްޓޭޓަށް މިހާރު ކުރަމުންދާ މުސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ހިނގި ތަފާތު އެކި ޙާދިސާތަކުގައި މިހާތަނަށް ސަތޭކަ ފަސްދޮޅަށް ހަތަރަކަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މޫސުމީ އެކި ޙާދިސާތަކުގެ އަސަރުކުރި ޞަރަޙައްދުތަކުން 223 ހާހަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މިއީ 1924 ވަނަ އަހަރުގެ ފަހުން މޫސުމީ ވިއްސާރައިގައި ކެރެލާ ސްޓޭޓުގައި މިހާ ވަރަށް ފެންބޮޑުވި ފުރަތަމަ ފަހަރު ކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ.