ޚަބަރު

އިންވެސްޓްމަންޓްގެ ދާއިރާއަށް އެންމެބޮޑު ކުރިއެރުމެއް ގެނެސްދެއްވީ ރައީސްޔާމީން - މިނިސްޓަރ ސަޢީދު


ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ރާއްޖެއަށް އެންމެ ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައިކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެއަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާ ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރ ސައީދުގެ ޓުވީޓުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއަށް މިއަށްވުރެ ބޮޑު ކުރިއެރުމެއް އައި ދުވަސްވަރެއް ރާއްޖޭގެ ތާރީޚު ދެކެފައިނުވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެކަން އެންމެ ބޮޑަށް ސާބިތުވަނީވެސް އިދިކޮޅު ފަރާތްތަކުގެ ޢަމަލުތަކުންކަން މިނިސްޓަރ ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭއަށް އެކި ގޮތްގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ބޭރުގެ ބޭންކުތަކުން ލޯނުތައް ނުދިނުމަށާއި ރާއްޖޭގެ ފަތުރުވެރިކަން އިނދަޖައްސާލުމަށްޓަކާ އެ ސިނާޢަތް ބޮއިކޮޓު ކުރުމަށް ލަންޑަން، ފްރެންކްފަރޓް އަދި ކޮލަމްބޯގައި ހުންނަ އެމްބަސީތަކުގައި އިދިކޮޅު ފަރާތްތަކުން އާދޭސް ކުރަމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑެތި މަޝްރޫޢުތައް ހިންގާފައިވަނީ މި ސަރުކާރުންކަން ފާހަގަކޮށްލަންޖެހެއެވެ. ހަމައެހެންމެ އެއްފަހަރާ އެންމެގިނަ ފޮރިންއިންވެސްޓްމަންޓްތައް ރާއްޖޭގައި ކާމިޔާބުކަމާއެކު ހިންގާފައިވަނީވެސް މި ސަރުކާރުންނެވެ. އެގޭ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ 1 ބިލިއަން ޑޮލަރުގެ މަޝްރޫޢާއި، ސިނަމާލޭ ބްރިޖުގެ އިތުރުން، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ފާހަގަކޮށްލެވެއެވެ.

ހަމައެހެންމެ ބޭރުގެ އިންވެސްޓަރުންގެ ޝަޢުގުވެރިކަން ރާއްޖެއަށް އިތުރުކޮށް، އެފަރާތްތަކުގެ އިތުބާރު ހޯދުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވޯލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ފަދަ ބޮޑެތި ބޭންކުތަކުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޮޑެތި ލޯންތައް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.