ޚަބަރު

ރެޑްވޭވްގެ އެންމެ ބޮޑު ފިހާރަ "މެގަ މޯލް" ހުޅުމާލޭގައި ހުޅުވައިފި


ރެޑްވޭވްގެ އެންމެ ބޮޑު ފިހާރަ ރެޑްވޭވް "މެގަ މޯލް" ހުޅުމާލޭގައި ހުޅުވައިފިއެވެ. މި ފިހާރަ ހުޅުވީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައެވެ. ފިހާރަ ހުޅުވުމާއިއެކު ގިނަ އަދަދެއްގެ ކަސްޓަމަރުން ވަނީ ފިހާރައަށް ޒިޔާރަތްކޮށްފައެވެ. ހުޅުމާލޭގެ ދުވާ ޓްރެކް ދަނޑު ކުރިމަތީގައި ހުޅުވި މި ފިހާރަ އިމާރާތްކޮށްފައިވަނީ ހަތަރު ބުރިއަށެވެ.

ރެޑްވޭވް އިން ބުނީ އެ މޯލް އިން ހުރިހާ ވައްތަރެއްގެ މުދާ ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ފިހާރައިގެ އެންމެ ތިރީ ބުރި ހާއްސަކޮށްފައި ވަނީ އިލެކްޓްރޯނިކް ސާމާނަށެވެ. ފުރަތަމަ ފްލޯގައި ކެއިން ބުއިމުގެ ސާމާނު ލިބެންހުންނައިރު ދެވަނަ ފްލޯ އަދި ތިން ވަނަ ފްލޯގައި ހުންނަނީ ފަރުނީޗަރެވެ. ރެޑްވޭވްއިން ހުޅުމާލޭގައި ހުޅުވި، "މެގަ މޯލް" އަކީ ގާތްގަނޑަކަށް 8،000 އަކަފޫޓު ބިމެއްގައި އިމާރާތްކޮށްފައިވާ ފިހާރައެކެވެ.

މޯލްގެ ފުރަތަމަ ފްލޯއަށް އަރައި ފޭބުމަށް ދެ ކަރަންޓް ސިޑީ ހަރުކޮށްފައިވާއިރު، ގްރައުންޑް ފްލޯ އިން ފެށިގެން މައްޗަށް އަރަން ލިފްޓް ވެސް ވަނީ ބަހައްޓާފައެވެ.

މިއީ އެ ކުންފުނިން ހުޅުމާލޭގައި ހުޅުވި ދެވަނަ ފިހާރަ އެވެ. އިމާރާތުގެ މަސައްކަތް ނިންމާފައި ވަނީ ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައިކަމަށް އެކުންފުނިން ބުނެއެވެ. މި ފިހާރައާއިއެކު ރެޑްވޭވްއިން ހިންގާ ފިހާރައިގެ އަދަދު 10 އަކަށް އިތުރުވީއެވެ.