ޚަބަރު

ޑރ. ޝަހީމަށް ތިނަދޫއިން ހޫނު މަރުޙަބާއެއް ދަންނަވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ގދ.ތިނަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ޑރ. ޝަހީމް ތިނަދޫއަށް ވަޑައިގަތުމުން އެރަށު އެކި އުމުރުފުރައިގެ މީހުން ނިކުމެ އެމަނިކުފާނަށް މަރުޚަބާއެއް ދެންނެވިއެވެ. ތިނަދޫން ޑރ. ޝަހީމަށް މަރުޚަބާ ދެންނެވި ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބްދުﷲ ޖިހާދުވެސް ހިމެނިވަޑައިގަންނަވައެވެ. ތިނަދޫއަށް ވަޑައިގަތުމަށްފަހު ޑރ. ޝަހީމް ފުރަތަމަވެސް ވަޑައިގަތީ ތިނަދޫގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒު ހުންނަ ސަރަޙައްދަށެވެ. އެއަށްފަހު ތިނަދޫ އުތުރު ޖަގަހައިގައި އޮތް ސައި ފޮދެއްގައި ޑރ. ޝަހީމް ބައިވެރިވެވަޑައިގަތެވެ.

ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ޑރ. ޝަހީމް މިރޭ ތިނަދޫ ރޯޒަރީ ޖަގަހައިގައި ޒުވާނުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.