ޚަބަރު

އެއަރޕޯޓް ވިއްކާލި ބަޔަކަށް ތަރައްޤީއަށް ފާޑެއް ނުކިޔޭނެ- މިނިސްޓަރ ސަޢީދު


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވިއްކާލި ބަޔަކު މިއަދު އެއަރޕޯޓް ތަރައްޤީކުރަމުންދާގޮތަށް ފާޑުކިޔާތީ އެކަމާ ހައިރާންވެވަޑައިގަންނަވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މިހެން ވިދާޅުވީ ސަރުކާރުން އެއް ބިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން ތަރައްޤީކުރާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު 600 މިލިއަން ޑޮލަރަށް ތަރައްޤީ ކުރެވޭނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

މިނިސްޓަރ ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 600 މިލިއަން ޑޮލަރަށް އެއަރޕޯޓް ތަރައްޤީކުރެވޭނަމަ އެމްޑީޕީގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރަށް އެއަރޕޯޓް ވިއްކާލީ ކީއްވެތޯ ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުަހައްމަދު ސޯލިހުއަށް ވަނީ ސުވާލުތައް ކުރިމަތިކޮށްފައެވެ.

ސައީދުގެ ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ ހަރުމުދާ ވިއްކާލާފައި ތިބި ބަޔަކު ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް ފާޑު ކިޔުމަކީ ލަދުގަންނަންޖެހޭ ކަމެއްކަމަށެވެ. އަދި ވެރިކަމުގައި ތިބިއިރު ގޮނޑެއްހެން އޮތް ސަލްޓަންޕާކު ސާފުކޮށްނުލެވުނު ބަޔަކު، ރިޔާސީ އިންތިޚާބު ބޯމަތިވުމުން ތަރައްޤީގެ ވާހަކަދައްކާތީ ހައިރާންވެވަޑައިގަންނަވާކަމަށް ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއަށް މިއަށްވުރެ ބޮޑު ކުރިއެރުމެއް ލިބުނު ދުވަސްވަރެއް ތާރީޚު ދެކެފައިނުވާކަމަށެވެ. އަދި ރާއްޖެއަށް އެކި ފިޔަވަޅުތައް އެޅުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދަނީ ރާއްޖެއަށް އަންނަމުންދާ ތަރައްޤީ ހަޖަމުނުވެގެންކަމަށް ސައީދު ވިދާޅުވިއެވެ.

އިިދިކޮޅު ފަރާތްތަކުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢަށް ފާޑުކިޔަމުންދިޔަނަމަވެސް، ރާއްޖޭގެ އިންވެސްޓްކުރާ ފަރާތްތަކުން ދަނީ އެއަރޕޯޓް މަޝްރޫޢަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވަމުންނެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ދަނީ ރާއްޖޭގައި ހިނގަމުންދާ ތަރައްޤީގެ މަސައްކަތްތަކަށް ތަޢުރީފްކުރައްވަމުންނެވެ.