ޚަބަރު

ޓެކްސް އިންސްޕެކްޓަރސް ވިތައުޓް ބޯޑަރސްގެ އެހީގައި، މީރާގެ ޓެކްސް އޮޑިޓަރުން ތަމްރީނު ކުރަނީ


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރީޓީ (މީރާ)ގެ ޓެކްސް އާއި ގުޅޭ އޮޑިޓްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންނީ އެހީ ހޯދުމަށް ޓެކްސް އިންސްޕެކްޓަރސް ވިތައުޓް ބޯޑަރސް (ޓީ.އައި.ޑަބްލިއު.ބީ) އާއިއެކު މީރާއިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދެވެ. ޓީ.އައި.ޑަބްލިއު.ބީގެ ފަރާތުން ސޮއިކުރެއްވީ އެޖަމާޢަތުގެ ޓްރާންސްފަރ ޕްރައިސިންގ އެކްސްޕަރޓް ސްލްވިއާ ކަރެލޯވާއެވެ.

ޓެކްސް އިންސްޕެކްޓަރސް ވިތައުޓް ބޯޑަރސް (ޓީ.އައި.ޑަބްލިއު.ބީ)އަކީ ދަ އޯރގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑެވެލޮޕްމެންޓް (އޯ.އީ.ސީ.ޑީ) އާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ފަންޑް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާ ޓެކުހާ ގުޅޭ އޮޑިޓްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޢިލްމާއި ހުނަރު، ދަސްކޮށްދިނުމުގެ ގޮތުން ފަށްޓާފައިވާ ބައިނަލް އަޤުވާމީ ޙަރަކާތެކެވެ.

ޓީ.އައި.ޑަބްލިއު.ބީން މީރާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މީރާގައި މަސައްކަތް ކުރާ ޓެކްސް އޮޑިޓަރުންގެ ފެންވަރު ރަނގަޅުކުރުމަށާއި، ބައިނަލްއަޤްވާމީގޮތުން ކުރާ ވިޔަފާރި މުޢާމަލާތްތައް އޮޑިޓްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމުގައި އެހީތެރިވެދިނުމަށް ފަންނީ އެހީތެރިކަން ހޯދުމުގެ މަޝްރޫޢުއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން، ޓީ.އައި.ޑަބްލިއު.ބީގެ ޕްރޮޖެކްޓް މެނޭޖަރ، އާމްނާ ޚަލީފާއާއި، މި މަޝްރޫޢު ފަންޑުކޮށްފައިވާ ޔޫ.އެން.ޑީ.ޕީގެ އިސް މަސްއޫލުވެރިން ރާއްޖެ ވަޑައިގެން މީރާގެ އޮޑިޓް ޓީމްތަކާއި ބައްދަލުކުރައްވާފައިވާކަމަށް މީރާއިން ބުނެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން، ޓެކުހުގެ މައިދާނުގައި ފެންނަމުންދާ ޓްރާންސްފަރ ޕްރައިޒިންގ ގެ މައްސަލަތައް އޮޑިޓްކުރުމަށް މީރާގެ ޓެކްސް އޮޑިޓަރުން ތަމްރީނުކުރެވިގެންދާނެއެވެ. މި މަޝްރޫޢަކީ 2 އަހަރު ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެއްކަމަށް މީރާއިން ބުނެއެވެ. މިއީ މީރާއިން ޓީ.އައި.ޑަބްލިއު.ބީގެ އެހީތެރިކަން ހޯދާ ފުރަތަމަ ފަހަރެވެ.