ޚަބަރު

ކުނި މެނޭޖުކުރުމުގެ މަޝްރޫޢަށް އޭޑީބީ އިން 33 މިލިއަން ޑޮލަރުގެ އެހީއެއް


ތިލަފުށީގައި ކުރިއަަށްގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާ ކުނި މެނޭޖުކުރުމުގެ ބިޔަ މަޝްރޫޢަށް އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް(އޭޑީބީ) އިން 33މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއްދީފިއެވެ. "ގްރޭޓަރ މާލޭ އެންވަޔަރަންމެންޓަލް އިމްޕްރޫވްމަންްޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް"އަކީ ގްރޭޓަރ މާލޭ ޞަރަޙައްދުގެ 4 އަތޮޅުގެ ރަށްތަކުން އުކާލާ ކުނި ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ނައްތާލުމުގެ މަސައްކަތްކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް(އޭޑީބީ) އިން ރާއްޖެއަށް އެހީގެ ގޮތުގައި ދިން 33މިލިއަން އެމެރިކާ ޑޮލަރާއި ޙަވާލުވުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރެވެ. އަދި އޭޑީބީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ކޯޕަރޭޝަން އެންޑް އޮޕަރޭޝަންސް ކޯޑިނޭޝަން ޑިވިޝަންގެ ޑިރެކްޓަރ ރޮނާލްޑް އެންޓޯނިއޯއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ ފައިސާގެ ހޯދުމަށް އޭޑީބީއާއިއެކު ކުރި މަސައްކަތުން އެއްއަހަރުދުވަހުގެ ތެރޭގައި މިއެހީ ހަމަޖެހިގެން ދިއުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މިއީ އޭޑީބީން މިހާ ކުރުމުއްދަތެއްގެތެރޭގައި މިފަދަ ބޮޑު އެހީއެއް ހަމަޖައްސައިދިން ދިން ފުރަތަމަ ފަހަރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އޭޑީބީގެ އެހީއާއިއެކު ލިބުނު 33 މިލިއަން ޑޮލަރާއި، ޖަޕާން ފަންޑް ފޯރ ޕަވަޓީ ރިޑަކްޝަންގެ އެހީގެ ދަށުން ލިބުނު 2މިލިއަން ރުފިޔާގެ އެހީއާއި، ސަރުކާރުން މި މަޝްރޫޢަށް ހޭދަކުރާ ފައިސާއާއިއެކު 40މިލިއަން ޑޮލަރު ލިބިފާއިވާއިރު، މި ފައިސޭގެ އެހީގައި "ގްރޭޓަރ މާލޭ އެންވަޔަރަންމެންޓަލް އިމްޕްރޫވްމަންްޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް"މަޝްރޫޢޫގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުޅި ޕްރޮޖެކްޓަށް 160 މިލިއަން ރުފިޔާ ހޭދަވާނެ. މިހާރު ޖުމްލަ 40މިލިއަން ލިބިފައިވާއިރު، ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހހި ކުރިއަށްގެންދިއުމަށް ބޭނުންވާ 125މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންމިދަނީ. މި ފައިސާގެވެސް 90 އިންސައްތަ މިހާރުދަނީ ހަމަޖެހެމުން. ވަރަށް ގިނަ ބޭންކްތަކުގެ އެހީ ރާއްޖެއަށް ލިބެމުންދޭ." ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.

އޭޑީބީ އިން ރާއްޖެއަށް އެހީގެ ގޮތުގައި ދިން 33މިލިއަން އެމެރިކާ ޑޮލަރާއި ޙަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޑީބީގެ ރީޖަނަލް ކޯޕަރޭޝަން އެންޑް އޮޕަރޭޝަންސް ކޯޑިނޭޝަން ޑިވިޝަންގެ ޑިރެކްޓަރ ރޮނާލްޑް އެންޓޯނިއޯ ވިދާޅުވީ ދިވެހި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މިފަދަ މަޝްރޫޢުތަކަށް އޭޑިބީން ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިވެދޭނެކަމަށެވެ. އޭނާގެ ވާހަކަފުޅުގައި "ގްރޭޓަރ މާލޭ އެންވަޔަރަންމެންޓަލް އިމްޕްރޫވްމަންްޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ސިފަކުރައްވާފައިވަނީ ދިވެހި ރައްޔިތުންނަށް ސިއްޙީ ދުޅަހެޔޮކަން ލިބުމުގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާވާ ފަތުރުވެރިކަމުގެ ސިނާޢަތައްވެސް ކުރިއެރުން ލިބޭ މަޝްރޫޢެއްގެ ގޮތުގައެވެ.

" މިއީ 2016ވަނަ އަހަރަށް ފަހު އޭޑީބީން ދިވެހި ރާއްޖެއަށް ދޭން ނިންމި ފުރަތަމަ ހިލޭ އެހީ. އަދި މިއީ ރާއްޖޭގެ ގްރޭޓަރ މާލެ ސަރަޙައްދު ތަރައްޤީކުރުމަށް އޭޑީބީއިން ކުރާ ބޮޑު ހޭދައެއް. އޭޑީބީގެ އެއްބާރުލުން އަބަދުވެސް ރާއްޖެއަށް ލިބޭނެ." ޑިރެކްޓަރ ރޮނާލްޑް އެންޓޯނިއޯ ވިދާޅުވިއެވެ.

އޭޑީބީ އިން ރާއްޖެއަށް އެހީގެ ގޮތުގައި ދިން 33މިލިއަން އެމެރިކާ ޑޮލަރާއި ޙަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމް ވިދާޅުވީ އޭޑީބީން ދިން ފައިސާ ޚަރަދުކުރާނީ، އިންޑަސްޓްރިއަލް ވިލެޖުގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ޤާއިމުކުރުމަށާއި، ކުނިމެނޭޖްކުރުމުގެ މަސައްކަތައް ބޭނުންވާ މެޝިންތަކާއި އުޅަނދުތައް ހޯދުމަށްކަމަށެވެ. ތިލަފުށީގައި މިހާރުވެސް ކުނި އެންދުން ހުއްޓާލާފައިވާއިރު، ކުނި އެންދުމަށްޓަކައި 6މެޝިން ބަހައްޓާފައިވާކަން މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"މިމަސައްކަތުގެދަށުން ތިލަފުށީގައި ކެމިކަލް ނުވަތަ ނުރައްކާތެރި މާއްދާއްތައް އެކުލެވޭ ކުނި އެންދުމަށް ޚާއްސަ މެޝިންތައް ބަހައްޓާނަން. އަދި އަދި ކުނި އެންދުމުން އަރާ ހޫނުން ހަކަތަ އުފެއްދުމުގެ މަޝްރުޢުއެއް ކުރިއަށްގެންދާނަން" އެންވަޔަރަންމެންޓް މިނިސްޓަރ ތާރިޤް އިބްރާޙިމް ވިދާޅުވިއެވެ.