ޚަބަރު

ޤައުމީ އެއަރލައިނުން ކުރިއެރުންތައް ހޯދަން ފަށާފައި ވަނީ 2013ގެ ފަހުން - މިނިސްޓަރ ސަޢީދު


އެމްޑީޕީ ސަރުކާރުގައި ވިއްކާލަން އުޅުނު އައިލެންޑް އޭވިއޭޝަންގެ ޚިދުމަތް މި ސަރުކާރުން އެތައް ގޮތަކަށް ފުޅާކޮށް ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ 2013ގެ ފަހުން އެ ކުންފުނީގެ ޚިދުމަތްތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އަދި މި ކުރިއެރުމަކީ ކަންކަން ހިންގަން ދަންނަ ވެރިއަކު ހުރުމުން އައި ތަފާތުކަމަށެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކޮށް މަތީ ހަރުފަތަކަށް ގެންދިއުމަކީ ސަރުކާރުން ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާ އެއަރޕޯޓްތައް އަޅާ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ބައެއް އެއަރޕޯޓްތަކުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފަށާފައިވާއިރު މިހާރުވެސް ބައެއް އެއަރޕޯޓްތައް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު ޤައުމީ އެއަރލައިން، މޯލްޑިވިއަން ތަރައްޤީކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ދަށުން 2013ވަނަ އަހަރުންފެށިގެން އައިލެންޑް އޭވިއޭޝަނުން ހޯދާފައިވާކުރިއެރުންތަކަށް ބަލާއިރު، ކުރިން އައިލެންޑް އޭވިއޭޝަންގެ ފްލީޓްގައި ބޭނުންކުރަމުންދިޔައީ 7 އެއަރކްރާފްޓް ނަމަވެސް މިހާރު އެއަރލައިނަށްވަނީ އިތުރު 16 އެއަރކްރާފްޓް އިތުރުކޮށް ބޭނުންކުރަންފަށާފައެވެ. އައިލެންޑް އޭވިއޭޝަނަކީ ރާއްޖޭގައި ތިންވައްތަރުގެ އެއަރކްރާފްޓް ބޭނުންކުރާ ހަމައެކަނި އެއަރލައިނެވެ. އޭގެތޭގައި ސީޕްލޭންއާއި، ޖެޓާއި، ޕްރޮޕެލާ ފްލައިޓްތައް ހިމެނެއެވެ. އައިލެންޑް އޭވިއޭޝަންގެ ފްލީޓަށްބަލާއިރު، 11ސީޕްލޭންއާއި، ޑޭޝް އަށެއް މަރުކާގެ 10އެއަރކްރާފްޓާއި، 2އެއަރބަސް ހިމެނެއެވެ.

މި ކުރިއެރުމާއިއެކު މޯލްޑިވިއަންއިން އަންނަނީ ދުވާލެއްގެ މައްޗައް އެކިމަންޒިލްތަކަށް ސަތޭއަކައަށްވުރެ ގިނަ ދަތުރުކުރަމުންނެވެ. އެގޮތުން ރާއްޖޭގެ 11 އެއަރޕޯޓަކަށް މިހާރުވެސް ދުވާލަކު ފަހެއް ނުވަތަ ހަ ދަތުރު ކުރެއެވެ. މީގެއިތުރުން ޗައިނާއާއި އިންޑިއާއާއި ތައިލެންޑްފަދަ ޤައުމުތަކަށް ދަތުރުކުރަމުންދާއިރު، އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

އައިލެޑް އޭވިއޭޝަނުންވަނީ އެކުންފުންޏަކީ ތިމާވެއްޓާއި ރަށްޓެހި ކުންފުންޏަކަށް ހެދުމަށްވެސް ބޮޑު މަޝްރޫއެއް ފަށާފައެވެ. އެގޮތުން އަވިން ހަކަތަ އެފެއްދުމާއި، ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް އެކުންފުނިން ދަނީ ކުރަމުންނެވެ.

އައިލެންްޑް އޭވިއޭޝަނަކީ %98 ދިވެހި މުޢައްޒަފުންނާއެކު ހިންގަމުންދާ ކުންފުންޏެކެވެ. 2013ވަނަ އަހަރުގެ ފަހުން އެ ކުންފުނީގައި އުފެދުނު ވަޒީފާގެ ފުރުޞަތުތައް ވަނީ ހަތަރުސަތޭކައިން އެގާރަސަތޭކައަށް އިތުރުވެފައެވެ.
އައިލެންޑް އޭވިއޭޝަނުން ހޯދަމުންދާ ކުރިއެރުންތަކާއެކު އެ ކުންފުނީގެ ހަރުމުދަލުގެ އަގުވަނީ ދެ ބިލިއަނަށް އަރާފައެވެ.