ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެންޕިއަންކަން ހޯދީ މާލޭ މާފަންނު


ސޮނީ ސްޕޯރޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެންޕިއަންކަން މާލޭ މާފަންނު ހޯދާއިފިއެވެ.

ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު މާފަންނު ކާމިޔާބުކުރީ ލ.ގަމާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-2 ލަނޑުންނެވެ. މި މެޗުގައި ފުރަތަމަ ދެ ލަނޑުވެސް ކާމިޔާބުކުރީ މާލޭ މާފަންނު ޓީމުންނެވެ. ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިމްރާން އާއި މުހައްމަދު ޔާފިއުއެވެ. ނަމަވެސް ދެވަނަ ހާފުގައި ލ.ގަމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ލަނޑުތައް ގަމަށް ކާމިޔާބުކޮށްދިނީ އަހުމަދު އަޖުވަދު އާއި އަހުމަދު ރަޝީދުއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ލ.ގަމުން ޖެހި ދެ ޕެނަލްޓީވެސް މާފަންނު ޓީމުގެ ކީޕަރ އަހުމަދު ހުޝާމް ވަނީ ދިފާއުކޮށްފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދީ މާފަންނު ޓީމްގެ ކީޕަރު އަހުމަދު ހުޝާމްއެވެ. މި މުބާރާތުގެ އެންމެ ސަޕޯޓިންގ ޓީމަކަށް ހޮވުނީ މ.ދިއްގަރެވެ. ފެއަރ ޕްލޭ ޓީމަކީ ތ.ތިމަރަފުށްޓެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަޤާމް ހޯދީ މާލޭ މާފަންނު ޓީމުގެ ކޯޗު މުހައްމަދު ޝަހިއުއެވެ. މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ތ.ތިމަރަފުށީގެ މުހައްމަދު ޒިޔާން، އޭދަފުށީގެ އަހުމަދު އަޝްރަފް، މާފުށީގެ ހަސަން އިމްރާން އަދި ލ.ގަމުގެ އަހުމަދު އަޖުވަދުގެ އިތުރުން މާފަންނު ޓީމުގެ ޔަމީން މުހައްމަދެވެ. މުބާރާތުގެ ޓޮޕް ސްކޯރަރ އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި ތ.ތިމަރަފުށީގެ މުހައްމަދު ޒިޔާންއެވެ.

މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކޮންމެ އަހަރުކުވެސް ކުރިޔަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި މިއަހަރު ރާއްޖޭގެ 55 ރަށަކުން ވަނީ ވާދަކޮށްފައެވެ.