ޚަބަރު

ޕީޕީއެމް-އެމްޑީއޭ ކޯލިޝަން އޮތީ ބަދަހިކަމާއެކު - ރައީސް


ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއާއި އެމްޑީއޭއާ ދެމެދު ހަދާފައިވާ ކޯލިޝަން އެއްބަސްވުމަށް އެއްވެސް ހީނަރުކަމެއް ނާންނަކަމަށާއި ކޯލިޝަން އެގޮތުގައި ދެމިއޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ޕީޕީއެމާ އެމް.ޑީ.އޭއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން އަޑު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ތ. އަތޮޅުގައި ސަރުކާރުން ކުރިއަށް ގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތައް އިފްތިތާޚްކޮށްދެއްވުމަށް އެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ދިޔަމިނގިލީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމުން ކޯލިޝަން ހެދީ ހަމައެކަނި އެމްޑީއޭއާއި އެކުގައި ކަމަށާއި، އެ ގުޅުމަށް ހީނަރު ކަމެއް އައިސްފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެންނާއެކީ ކޯލިޝަނުގައި މިއަދާ ހަމަޔަށްވެސް އެބަ ތިއްބެވި އެމްޑީއޭގެ ބޭފުޅުން. އެކަމު އަޅުގަނޑުމެންނާ ވަކިވެގެން ވަޑައިގެންނެވީ ޖޭޕީގެ ބޭފުޅުން. އަޅުގަނޑުމެންނާ އެކީ ކޯލިޝަނެއްނެތް އަދާލަތާ ދޭތެރޭ. އެހެން ނަމަވެސް އަދާލަތަކީ އަޅުގަނޑުމެންނާއެކު މަސައްކަތް ކުރެއްވި ބޭފުޅުން. ދެން އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ އަޅުގަނޑުމެންނާއެކީ ޕީޕީއެމްގައި ތިބި ބޭފުޅުން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ކޯލިޝަން ރޫޅިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާއިރު، އެފަރާތްތަކުން ހަދާ ކޯލިޝަންތައް ދެމިނޯންނަކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ދެ ފަރާތެއްގެ ދެމެދުގައި އިތުބާރާއެކު އަނގަބަހުން ވެވޭ އެއްބަސްވުންތައް ޤާނޫނަކާ ހަމަޔަށް ބަދަލުވާ ހިސާބަށް ދިއުމަކީ އެބޭފުޅުން ހަދާ ކޯލިޝަންތަކުގެ ބަލިކަށިކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޭކެއް އަތަށް ލިބުމުގެ ކުރިން ކޭކުފޮތި ބަހާނެ ގޮތް ވަރަށް ތަފްސީލްކޮށް ބުނާނެ. އެކަމަކު ކޭކު އަތަށް އެރުމުން ދެން ހަނދާނެއް ނުހުރޭ ކޭކުފޮތި ބަހާނެ ގޮތެއް. ކޭކުފޮތި ފަޅިފަޅިކުރާނެ ގޮތެއް. އެބޭފުޅުންގެ ސަރުކާރުގައި ނޫންތޯ އެމްޑީޕީއާއެކު ކޯލިޝަން ހެއްދެވި ބޭފުޅަކު އެއްމެ 25 ދުވަސް ތެރޭ ކޯލިޝަނުން ވަކިވެގެން ދިއުމަކީ ކީތްވެގެންތޯ މިއަދު އެވާހަކަތައް ދައްކަން ނުކެރޭނީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ސިޔާސީ ގޮތުން ބަޔަކު ޖަލަށްލާފައިވާ ކަމަށް ބުނެ އިިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށްވެސް ރައްދުދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިހާރު ޖަލުގައި ތިއްބެވީ ސަރުކާރާ އިދިކޮޅު ފަރާތްތައްނޫން ކަމަށާއި، ސިޔާސީ ހައްޔަރީންގެ ގޮތުގައި އެސިފަކުރާ ހުރިހާ ބޭފުޅުންނަކީވެސް މިސަރުކާރުގެ މަޤާމުތަކުގައި މަސައްކަތްކުރެއްވި ބޭފުޅުން ކަމަށެވެ.

ތ.އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ޔާމީން ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު އެމަނިކުފާނު ވަނީ މާލެ ވަޑައިގެންފައެވެ. ރައީސް ޔާމީންގެ ދަތުރުފުޅުގައި އެއަތޮޅުގެ ރަށްތަކުގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އެމަނިކުފާނުގެ ކުރިއަށް އޮތް ދައުރު ތެރޭގައި ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް ވަނީ އިޢުލާން ކުރައްވާފައެވެ.