މުނިފޫހިފިލުވުން

ހަބޭސް ޢީދު ޝޯވތައް މިފަހަރު އުތުރުގެ ރަށްރަށުގައި


ހަބޭސްގެ ބޮޑު ޢީދު ޝޯވތައް ރާއްޖޭގެ އުތުރުގެ ރަށްރަށުގައި ދޭ ގޮތަށް އެގްރޫޕުން ނިންމައިފިއެވެ.

ހަބޭސް ބޮޑުބެރު ގުރޫޕަކީ ރާއްޖޭގައި މިވަގުތު އެންމެ ޑިމާންޑު ބޮޑު އަދި އެންމެ މަޝްހޫރު މިއުޒިކް އެއް ބޭންޑެވެ. ޚާއްޞަކޮށް ޚިތާނީ ސީޒަނާއި، ބޮޑުޢީދުފަދަ ދުވަސްތަކަށް އެ ގްރޫޕުގެ ޑިމާންޑް ބޮޑުވެއެވެ.
ހަބޭސްގެ މެނޭޖަރ އަލީ ޝިފާއު ބުނީ މިފަހަރު ޢީދު ޝޯ ފަށަނީ ހއ. އުތީމުންނެވެ. މިފަހަރުގެ ޢީދު ޝޯވްތަކުގައި ބޮޑުބެރުގެ އިތުރުން އެ ގްރޫޕުގެ އެހެން ބޭންޑުތައްވެސް ޕާފޯމް ކުރާނެކަމަށް އަލީ ޝިފާއު ބުންޏެވެ. ބޮޑުބެރާއި މިއުޒިކުގެ އިތުރުން ދަނޑިޖެހުންފަދަ ޘަޤާފީ އެތައް ޙަރަކާތްތަކެއް މިފަހަރު އެގްރޫޕުން ކުރިއަށް ގެންދާނެކަމަށް އޭނާ ބުންޏެވެ.

ހއ. އުތީމާއި ހޯރަފުށީގައި ޝޯވ ދިނުމަށްފަހު ހދ އަތޮޅުގެ ބައެއް ރަށްރަށުގައި ޝޯވ ދޭ ގޮތަށް ހަމަޖެހިފައިވާކަމަށް ހަބޭސްއިން ބުނެއެވެ. މިފަހަރުގެ އީދު ޝޯވގައި ހަބޭސްގެ ދަށުން ހިންގަމުން އަންނަ އެހެން ބޭންޑުތައްވެސް ބައިވެރިވާނެއެވެ. ހަބޭސް ބޮޑުބެރުގެ އިތުރުން، ލެވިޓޭޝަން ބައި ހަބޭސްއާއި، ހަބޭސް ފިއުޝަން އަދި ހަބޭސް ޕޮޕް ބޭންޑް ޙަރަކާތްތެރިވާނެއެވެ. އަދި ދާދި ފަހުން ހަބޭސްއާ ގުޅުނު ރާއްޖޭގެ މަޝްހޫރު ރޮކް ބޭންޑް ޓްރެފިކް ޖޭމްވެސް ހަބޭސްގެ ޝޯވތަކުން މިފަހަރު ފެންނާނެއެވެ.

މިފަހަރުގެ ޝޯތަކުގައި ރާއްޖޭގައި ބޭއްވި އެކި އެކި މުބާރާތް ތަކުން ގިނަ ބައެއްގެ މަޤުބޫލްކަން ހޯދާފައިވަ މަޝްހޫރު ފަންނާނުންތަކެއް ފެނިގެންދާނެއެވެ. ހަބޭސްގެ ބޭންޑުތަކުގައި ޙަރަކާތްތެރިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި ރާއްޖޭގައި ކުރިއަށްގެންދިޔަ އެންމެބޮޑު ފްރެންޗައިސް ޝޯވ މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭކުން މަޝްހޫރުވި އިބްރާހިމް ވަހީދު (ބޮޑުބެ) އާއި، ޓީވީއެމުން ބޭއްވި ވޮއިސް އޮފް މޯލްޑިވްސް ކާމިޔާބުކުރި ޙަސަން ޠަލާލުގެ އިތުރުން ޓީވީއެމުން ބޭއްވި ބޮޑުބެރު ޗެލެންޖުން އެންމެ މޮޅު ނަގާ ކިޔުންތެރިޔާގެ މަޤާމު ހޯދި ޢަބްދުއް ރާޒިޤް ( ރާއްޓެ) ފެނިގެންދާނެއެވެ.