ޚަބަރު

ދެ ކޮރެއާގެ ސަމިޓުގައި ސުލްޙައިގެ މުއާހަދާއެއްގެ މަސައްކަތްކުރާނެ- ރައީސް މޫން


އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ އިސްވެރިން ބޭއްވުމަށް ތާވަލުކޮށްފައިވާ ސަމިޓަކީ، ކޮރެއާ ބައްރުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އަޅާ މުހިއްމު ފިޔަވަޅަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ އޭޕްރިލް މަހުގެ ފަހުން ދެކުނު ކޮރެއާގެ ރައީސް މޫން އާއި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ދެ ފަހަރެއްގެ މަތިން ބައްދަލުކުރައްވާފައިވާއިރު އަންނަ މަހު އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔޭންގްގައި ދެ ބޭފުޅުންގެ ސަމިޓެއް އިންތިޒާމުކުރުމަށް ދެ ޤައުމުން ދަނީ މަސައްކަތްކުރަމުންނެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ދެއްވި ތަޤްރީރެއްގައި މޫން ވިދާޅުވީ، ކޮރެއާ ބައްރުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް ކުރާ މަސައްކަތްތަކަށް އެންމެ މުހިއްމީ، ދެ ކޮރެއާގެ ގުޅުން މިހާރަށްވުރެ ވަރުގަދަކުރުން ކަމަށެވެ. އަދި އަންނަ މަހުގެ ސަމިޓްގައި މި ރޮނގުން ދެބޭފުޅުން މުހިއްމު ފިޔަވަޅުތަކެއް އެޅުއްވުމަށް އެއްބަސްވެވަޑައިގަންނަނާނެ ކަމަށް، މޫން ވިދާޅުވިއެވެ.

މީގެ އިތުރުން، ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގައި ދެކޮރެއާގެ ދެމެދުގައި ކުރި ހަނގުރާމަ ރަސްމީކޮށް ނިންމާލާ ދެކޮރެއާގެ ދެމެދު ސުލްޙައިގެ މުޢާހަދާއެއް ޤާއިމުކުރުމުގައިވެސް މުހިއްމު މަސައްކަތްތަކެއް، ކުރިއަށް އޮތް ސަމިޓުގައި ކުރައްވާނެ ކަމަށްވެސް ދެކުނު ކޮރެއާގެ ރައީސް ވިދާޅުވިއެވެ.