ޚަބަރު

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތި ލުމުގެ ފުރުޞަތު މޯލްޑިވްސް މީޑިއާ ކައުންސިލުން ހުޅުވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމު 8 ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވާކަމަށް އެކައުންސިލުން ބުނެއެވެ. އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ އިޖްތިމާއީ، ސިޔާސީ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރި އާއި އިޤްތިޞާދުގެ ދާއިރާއާއި، ކުޅިވަރު ގެ ދާއިރާގެ އިތުރުން ފޮޓޯ ޖާނަލިޒަމް އާއި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާވެސް ހިމެނެއެވެ. މީގެ އިތުރުން މިދިޔަ އަހަރު އަލަށް ހުޅުވާލި ފީޗަރ ލިޔުމުގެ ދާއިރާއިންވެސް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ޙަފްލާގައި ލައިފްޓައިމް އެޗީވްމެންޓް އެވޯޑާއި އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑްވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ލައިފްޓައިމް އެޗީވްމެންޓް އެވޯޑަށް ކުރިމަތިލެވޭނީ މި ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށެވެ. އަދި އެންމެ އުއްމީދީ ނޫސްވެރިޔާ ގެ އެވޯޑު ދެނުމަށް ހަމަޖެހިފައިވަނީ ނޫސްވެރިކަމުގެ ދާއިރާގައި 3 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް މަސައްކަތްކޮށް، އެ ދާއިރާ ގައި ފާހަގަ ކޮށްލެވޭ 18 އަހަރާއި 30 އަހަރާއި ދެމެދު ގެ ޒުވާނުންނަށް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މައުލޫމާތުދެއެވެ.

އިއްޔެއިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު މީޑިއާ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަކީ ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ ދުވަހާ ގުޅުވައިގެން ދިވެހި ނޫސްވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އެވޯޑްދޭން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ.