 
										 
										
			ފާސްޓްފުޑްގެ ގިނަ ބްރޭންޑްތަކަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރާ ވޯޓަރފްރަންޓްގެ، ރެސްޓޯރަންޓް އައުޓްލެޓްތަކުގެ ޚިދުމަތް މިމަހު ފަހުކޮޅު ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލުން ބުނެފިއެވެ. ވޯޓަރ ފްރަންޓަކީ އެއަރޕޯޓަށްދާ ފަރާތްތަކަށް ގިނަ ޚިދުމަތްތަކެއް ލިބޭގޮތަށް ހަދާފައިވާ ތަނެކެވެ. 
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރާ ވޯޓަރފްރަންޓް ތަރައްޤީކޮށްފައިވަނީ ކުރިން ޑޮމެސްޓިކް ޓަރމިނަލަށް ދަތުރުކުރާ ފެރީ ކައިރިކުރާ ޖެޓީ ސަރަޙައްދުގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަލަމައްޗައް ބޮޑެތި ބަދަލުތަކެއް އަންނާނެ މި މަޝްރޫޢުގެ މަސައްކަތުގެތެރޭގައި ހިމެނޭ ބޮޑެތިކަންކަން މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ރެސްޓޯރަންޓްތައް ހުޅުވުމަށްވާންޖެހޭ އެންމެފަހުގެ ތައްޔާރީތަކެވެ. 
މިފަދަގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރާ މިޢިމާރާތް ހަދާފައިވަނީ 2 ފަންގިފިލާއަށެވެ. ވޯޓަރފްރަންޓްގައި ގިނަ ފްރެންޗައިސް ފުޑް އައުޓްލެޓްތަކާއި، އެއަރޕޯޓަށްދާ ފަރާތްތައް މަޑުކޮށްލައިގެން ތިބެވޭނެ ހިތްފަސޭހަ ސަރަޙައްދަކާއި، ޑޮމެސަޓިކް ފެރީ ޓަރމިނަލްވެސް ހިމެނެވެ. ދެ ފަންގިފިލައަށްހަދާ މިޢިމާރާތުގެ ފުރަތަމަ ފަންގިފިލާ ބޭނުންކުރާނީ ފެރީޓަރމިނަލާއި، މީހުން މަޑުކޮށްލުމަށް ޚާއްސަކޮށްފައިވާ ހިތްފަސޭހަ ސަރަޙައްދެއްގެގޮތުގައެވެ. 
އަދި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ފުޑް އައުޓްލެޓްތަކަށެވެ. މިރެސްޓޯރަންޓްތައް މިމަހު ފަހުކޮޅު ހުޅުވަން ފަށާނެކަމަށް އެމްއޭސީއެލްއިން ބުނެފައިވާއިރު، މީގެތެރޭގައި މަޝްހޫރު ފަސް ބްރޭންޑެއްގެ ފުޑް އައުޓްލެޓް ހިމެނެއެވެ. އެއީ، ކޭއެފްސީއާއި، ޕިއްޒާހަޓާއި، ސީކްރެޓް ރެސިޕީއާއި، ކޮސްޓަރކޮފީގެ އިތުން،  އޯގަނިކް ބާވަތްތަކަށް ޚާއްސަ ބްރޭންޑެއްކަމަށްވާ ހަރވެސްޓް މަރކެޓްގެ އައުޓްލެޓެއްވެސް ހުޅުވުމަށްވަނީ ހަމަޖެހިފައެވެ. 
އެމްއޭސީއެލްއިން ގެންދަނީ، ވޯޓަރފްރަންޓްގައިހަދާ މީހުން މަޑުކޮށްލައިގެންތިބޭ ސަރަޙައްދު ބޭނުންކުރަންފެށުމާއި، ޑޮމެސްޓިކް ޓަރމިނަލް ސަރަޙައްދަށް ފެރީގެ ޚިދުމަތްފެށުމަށްވެސް ތައްޔާރުވަމުންނެވެ. ވޯޓަރފްރަންޓްގެ މަސައްކަތް ނިންމައި މިއަހަރުގެ ކުރީކޮޅު ހުޅުވުމަށް ނިންމިނަމަވެސް، އެމަސައްކަތް ނިންމުމުގައި ދަތިތަކާއި ކުރިމަތިވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ 24ގަޑިއިރު ހިންގަމުންދާ ބިޒީ އެއަރޕޯޓަކަށްވުމުން ދިމާވި ދަތިތަކުގެ ސަބަބުންކަމަށް އެމްއޭސީއެލްއިން ބުނެއެވެ.