ކުޅިވަރު

މޮޅުވުމަށްވުރެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން: ކޯޗު


ޤަޠަރުގެ އަލް މަޙްރިއްޔާ ސްޕޯރޓްސް ކުލަބް އަތުން މޮޅުވުމަށްވުރެ، ރާއްޖޭގެ ޓީމްގެ ޒުވާން ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާއި މެދު މާ ބޮޑަށް ހިތްހަމަޖެހޭކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ޕީޓަރ ސެގާޓް ބުނެފިއެވެ.

އަލް މަޙްރިއްޔާ ސްޕޯރޓްސް ކުލަބްއާއި ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްފައިވަނީ ޒުވާން ތިން ކުޅުންތެރިންކަމަށްވާ ހަމްޒާ މުޙައްމަދު، ނާއިޒު ހަސަން އަދި އިބްރާހީމް މަހުދީއެވެ. މެޗަށްފަހު ޕީއެސްއެމް ސްޕޯރޓްސްއާ ވާހަކަދައްކަމުން ޤައުމީ ކޯޗު ބުނީ މެޗުން މޮޅުވުމުންވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. ނަމަވެސް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާއި، ހުއްޓުމެއް ނެތި ކުރި ބުރަ މަސައްކަތްކަމަށް. ރާއްޖެއިން މެޗުގައި ހަތަރު ލަނޑު ޖެހިއިރު، ރާއްޖެއަށް ވަނީ ލީޑް އިތުރަށް ފުޅާކުރުމަށްވެސް ގިނަ ފުރުސަތުތަކެއް ލިބިފައެވެ.
ކޯޗް ޕީޓަރ ސެގާޓް ބުނީ ގިނަ ލަނޑުތަކެއް ޖެހުމަށްވުރެ މިފަދަ މެޗުތަކުގައި މޮޅަށް ކުޅުން މާ މުހިންމުކަމަށެވެ. މެޗު ކޮޏްޓްރޯލްކޮށްގެން ރާއްޖެ ކުޅެފައިވާއިރު، ރާއްޖޭގެ ކުރިއަށްކުޅުނު ކުޅުންތެރިންގެ ކޮންބިނޭޝަން ވަރަށް ރަނގަޅުކަންވެސް ކޯޗު ފާހަގަކުރިއެވެ. މިއީ އެކުވެރިކަމުގެ މެޗެއް ނަމަވެސް މެޗުގައި ރާއްޖޭގެ ކޮޅަށް ވަތް ގޯލްތަކަކީ ވަދެގެންވާނެ ގޯލްތަކެއް ނޫންކަމަށާއި ރާއްޖޭގެ ފަހަތަށް ކުޅޭ ކުޅުންތެރިން މިއަށް ވުރެ ބޮޑަށް ސަމާލުވާންޖެހޭކަމަށް ކޯޗް ބުންޏެވެ. އަދި ކުރިއަށް ހުރި ފަރިތަކުރުންތަކުގައި އެކަންތައްތަކައް ހާއްސަ ސަމާލުކަމެއްދީގެން ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށްވެސް ޤައުމީ ކޯޗު ސެގާޓް ބުންޏެވެ.

މިމެޗްގައި ރެސްޓް ދިނުމުގެ ގޮތުން އަހުމަދު އިމާޒު، އަކްރަމް އަބްދުލް ޣަނީ، މުހައްމަދު މުޖްތާޒް އަދި ގޯލް ކީޕަރު ހަސަން ތޮލާލަށް ކޯޗު ފުރުޞަތެއް ނުދެއެވެ. އަކްރަމްގެ ބަދަލުގައި މެޗުގައި ކެޕްޓަންކަންކުރި މުހައްމަދު އާރިފް (ބަކާ) ބުނީ މެޗުގައި އެއްވެސް ކުޅުންތެރިއަކު ހުއްޓިލައިގެން ނުހުންނާނެކަމަށާއި، މިފަދަ ފިޒިކަލް ވަރުގަދަ ޓީމަކާ ދެކޮޅަށް ނިކުމެ، ރާއްޖޭގެ ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި ފަރިތަކުރުންތަކުގައި ކޯޗާއި، ޓްރެއިނަރު ކިޔައިދެމުންދާ ޓެކްޓިކްސްތައް މެޗުގެ ތެރޭގައި ކުޅުންތެރިން ބޭނުންކުރިކަން ބަކާ ފާހަގަކުރިއެވެ.

މިމެޗަށްފަހު މިމަހުގެ 28 ވަނަ ދުވަހު ރާއްޖެ ދެން ވާދަކުރާނީ ޕާކިސްތާނާއެވެ. ކުރިއަށް އޮތް ސާފް ސުޒުކީ ކަޕްގައި ރާއްޖެއާއި ޕާކިސްތާނު އޮތީ ދެ ގްރޫޕެއްގައެވެ. 1985 ވަނަ އަހަރުގެ ފަހުން ރާއްޖެ ވަނީ 10 ފަހަރު ޕާކިސްތާނާ ވާދަކޮށްފައެވެ. އޭގެ ތެރެއިން ރާއްޖެ މޮޅުވީ 3 މެޗުންނެވެ. 3 މެޗު އެއްވަރުވެ، ރާއްޖެ 4 މެޗުން ބަލިވެފައެވެ. އެންމެ ފަހުން ރާއްޖެއާއި ޕާކިސްތާން ވާދަކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އެމެޗު 3-0 ން ކާމިޔާބުކުރީ ރާއްޖެއެވެ.