ޚަބަރު

ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރާހާ ހިނދަކު ޖަލަށް ދާން ނުޖެހޭނެކަން ޔަޤީން - ޑރ.ޝަހީމް


ޤާނޫނީ އިމުގެތެރެއިން މަސައްކަތް ކުރާހާހިނދަކު ޖަލަށް ވަންނަން ނުޖެހޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންމޭޓު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެންވިދާޅުވީ ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެސިޓީގެ މާލެގަން އަވަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ. ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ރަނިންމޭޓަކަށް އެމަނިކުފާނު ހަމަޖެއްސެވި ދުވަހުންފެށިގެންވެސް ފާޑުކިޔުންތައް އަމާޒުވަމުންދާކަމަށެވެ. އެގޮތުން ޖަލަށްނުގޮސް އެމަޤާމުގައި ދެމިހުރެވިދާނެ ކަމާމެދު ބައެއްފަރާތްތަކުން ސުވާލު އުފެއްދިކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ފާޑުކިއުންތަކަށް ރައްދުދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ، ކުރީގެ ބައެއް ނާއިބުރައީސުން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ، ޤާނޫނާޚިލާފަށް ކުރެއްވި ކަންތައްތަކެއްގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނަކީ އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫންކަމަށާއި، ޤާނޫނީ އިމުގެތެރެއިން މަސައްކަތް ކުރާހާ ހިނދަކު ޖަލަށް ވަޑައިގަނަވަން ޖެހިވަޑައިނުގަންނަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.

"ސިޔާސީ ހުރިހާ ކަމެއް ދިޔަ އިރުވެސް އަޅުގަނޑު މިއުޅެނީ މިކަމުގެ ތެރޭގައި، އަޅުގަނޑަށް އެނގޭ ކާކުކިހިނެތް ވެގެންކަން ޖަލަށް ވަންނަށް ޖެހުނީ. އަޅުގަނޑުމެންމީ އެމަނިކުފާނު ވެރިކަމުންބާލަން މަސައްކަތްކުރާނެ ބައެއްވެސްނޫން އަދި ވެރިކަމާ ތޮޅޭނެ ބައެއްވެސް ނޫން."

ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، އެމަނިކުފާނު ކުރައްވަނީ ދީނީ މަސައްކަތްތަކެއްކަމަށެވެ. އެގޮތުން ދީނީކަންކަން ކުރުމުގައި ރައީސް ޔާމީނާއި އެމަނިކުފާނާ ދެމެދު ޚިޔާލުތަފާތު ނުވާނެކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޝަހީމް ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ގިނައަވައްތަކެއްގެ ރައްޔިތުންނާ ވަނީ ބައްދަލު ކުރައްވާފައެވެ. އެގޮތުން ކުރިއަށް ގެންދެވި ބައްދަލުވުންތަކުގައި ދޮރުން ދޮރަށް ހިންގަވާ ވަކިވަކި ޢާއިލާތަކާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.